Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2025 | ބުދަ 00:04
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެއެމްވީ
އަޙުމަދު އަދީބު
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
އުވާލަންޖެހުނީ ޕާޓީގައި 3000 މެންބަރުން ހަމަނުވުމުގެ ސަބަބުންކަމަށް އީސީ އިން ބުނޭ
މެމްބަރުން ހަމަކުރަން 3 މަސް ދުވަހުގެ މުއްދަތަކަށް އެދުމުން އީސީ އިން އެފުރުސަތު ދީފައެއް ނުވޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް ރަސްމީކޮށް އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޕާޓީއެއް ދެމެހެއްޓުމަށް މަދުވެގެން 3000 މެންބަރުން ހަމަވާންޖެހެއެވެ. ނަމަވެސް އެމްޓީޑީއަށް މިއަދަދު ހަމަކުރުމަށް ދެވުނު މުއްދަތު ހަމަވިއިރުވެސް ޕާޓީގައި ތިބީ 2277 މެންބަރުންނެވެ.

އެމްޓީޑީ އަށް ދެވުނު މުއްދަތު ހަމަވިއިރު، އެޕާޓީ އިން ވަނީ އިތުރު ތިން މަސްދުވަހުގެ މުއްދަތަކަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިތުރު މުއްދަތު ދިނުމަކީ ޤާނޫނު އަސާސީން އެ ކޮމިޝަނަށް ލިބިދޭ ބާރެއް ނޫން ކަމަށެވެ.

މި ސަބަބުތަކަށްޓަކައި އެމްޓީޑީ އުވާލުމަށް ޖޫން މަހުގެ 3 ވަނަ ދުވަހު ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ޕާޓީގެ މުދަލާއި ދަރަންޏާމެދު ގޮތެއް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދެވުނު ކަމަށާއި މީގެ އިތުރުން، އެކަންކަން ނިންމުމަށްފަހު 15 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް އެންގުމަށްވެސް އަންގާފައިވާނޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެމްޓީޑީ ރަސްމީކޮށް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވަނީ އެ ކޮމިޝަނުން އެމްޓީޑީ އަށް ދިން މުއްދަތު ހަމަވުމުންނެވެ.

އަދީބުގެ ޕާޓީ އުވާލާފައި ވާއިރު، ގައުމީ ދުވަހު އަދީބް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުސީދާ ކޮށް ސަރުކާރަށް ރައްދުވާ ގޮތައް ފާޑު ވިދާޅުވެފައެވެ.

- ކޮމެންޓް