ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ އަދި ދިވެހި އެތަކެއް ރައްޔިތުންނަށް އަގުނުކުރެވޭ އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ނުކުރި ސަބަބު ރައީސް އޮފީހުން ހާމައެއް ނުކުރިއެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން ކުރި ސުވާލަށް ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ޖަވާބު ދެއްވާފައެއް ނުވެއެެވެ.
ރާއްޖެ އެމްވީއިން ވަނީ މުހައްމަދު އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރުމުގެ ގޮތުން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް މުއިއްޒު ނުނިންމެވީ ކީއްވެގެންތީ ސުވާލު ކޮށްފައެެވެ. އަދި އެކި ބޭފުޅުން އަވަހާރަވުމާ ގުޅިގެން ދިދަ ބައިދަނޑިއަށް ތިރިކުރުމުގައި އޮންނަ އުސޫލާ ބެހޭގޮތުންވެސް ރާއްޖެ އެމްވީ އިން ސުވާލު ކުރިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ބޭފުޅުން އަަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ. އެގޮތުން މިއަހަރު ޖުލައި މަހު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އަދި 2024 ވަނަ އަހަރު ފެބްރުއަރީ މަހު ނަމީބިއާގެ ރައީސް އަވަހާރަވުމާ ގުޅިގެންވެސް ރައީސް މުއިއްޒުގެ ނިންމެވުމާއެކު ދިވެހި ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އަވަހާރަވި، މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.
މުޙައްމަދު ޢުމަރު މަނިކުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، 2011 ވަނަ އަހަރު ދިވެހި ދައުލަތުން އެމަނިކުފާނަށް ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައެވެ. މި ނިޝާން އަރުވާފައިވަނީ ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މުހައްމަދu އުމަރުމަނިކު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖުތަކާއި އމަނިކުފާނުގެ ހިދުމަތްތަކުގެ ޒިކުރާތަކުން މުޅި މީސް މީދިޔާ ވަނީ ފުރާލާފައެވެ.