މިދިޔަ މަހު، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމާއި، ގެންގުޅުން އަދި ވިއްކުމުގެ މައްސަލަތަކުގައި 150،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ތަފާތު 11 މައްސަލައެއްގެ ތުހުމަތުގައި 30 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ވޭޕް ގެންގުޅުނު 16 މީހުންނާއި ވޭޕް ބޭނުންކުރި 14 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.
ވޭޕް ގެންގުޅުނު 16 މީހުން 65،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ވޭޕް ބޭނުންކުރި 14 މީހުން 85،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު އެ ފަރާތްތަކުގެ ފޯނަށް މެސެޖަކުން ވަނީ ފޮނުވާފައެވެ. އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާ އެއް ކުރާނެއެވެ. އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. އިން ޖޫރިމަނާ ކުރާ އިރު ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާ ކުރުމުގެ އިތުރުން ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން ކުރާނެއެވެ.