އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ މުޅި އާބާދީ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ޣައްޒާ އެމެރިޚާގެ ބެލުމުގެ ދަށަން ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސަރުކާރުން ވިސްނަމުންދާ ކަމަށް ރިޕޯޓު ކޮށްފި އެވެ.
މި ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުންނެވެ. އެގޮތުން 2023 ވަނަ އަހަރު ހަމާސް އިން ދިން ހަމަލާއާ ގުޅިގެން އިސްރާއީލް އިން ފެށި ޣައްޒާ ހަނގުރާމައިގައި ވީރާނަވެފައިވާ އެ ސަރަހައްދު، މަދުވެގެން 10 އަހަރު ދުވަހުގެ މުއްދަތަކަށް އެމެރިކާގެ ބެލުމުގެ ދަށުން ހިންގުމަށް ރާވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ޖުމުލަ 38 ޞަފުހާގެ ޕްރޮސްޕެކްޓަސް ގައި ބަޔާން ކޮށްފައިވާ ގޮތުން، "މެޑިޓަރޭނިއަންގެ ރިވިއެރާ" އަކަށް ހެދުމަށް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ވިޝަންގައި ބަޔާން ކޮށްފައިވާ ގޮތަށް، އެ ޕްލޭންގެ ދަށުން ޣައްޒާ ޓޫރިޒަމް ރިސޯޓުތަކާއި، ހައިޓެޑް ހަބަކަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެހެންކަމުން އެ ޕްލޭންގެ ދަށުން، ދެ މިލިއަން އާބާދީ އޮތް ޣައްޒާގެ ހުރިހާ ރައްޔިތުން ވަގުތީ ގޮތުން އެހެން ޤައުމަށް، އެމީހުންގެ ރުހުމުގައި ބަދަލުވުން، ނުވަތަ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޣައްޒާގެ ތެރޭގައި ސަލާމަތީ ގޮތުން ރައްކާތެރި ކުރެވިފައިވާ ސަރަހަައްދު ތަކަށް ބަދަލުވުން ވެސް ހިމެނެ އެވެ.
ޣައްޒާގެ ބިމުގެ މިލްކުވެރިންނަށް، އެމީހުންގެ ބިން ތަރައްޤީ ކުރުމުގެ ހައްގުގެ ބަދަލުގައި، ޓްރަސްޓުން ޑިޖިޓަލް ޓޯކަނެއް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި ޓޯކަން ބޭނުން ކޮށްގެން އެހެން ތަނެއްގައި އައު ދިރިއުޅުމެއް ފެށުމަށް، ނުވަތަ ޣައްޒާގައި އިމާރާތް ކުރާ "އޭއއި-ޕަވާޑް ސްމާޓް ސިޓީ" ތަކުން އެޕާޓްމަންޓެއް ހޯދުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިއަހަރުގެ ކުރީ ކޮޅު ޓްރަމްޕް ވަނީ، އެމެރިކާ އިން ޣައްޒާ ކޮންޓްރޯލްކޮށް، އެ ސަރަހައްދުގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކޮށް، އެ ތަނުގައި ރިއަލް އެސްޓޭޓް ތަރައްޤީ ކުރުމަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދު ކުރި ނަމަވެސް، ޔޫރަޕުގެ ގިނަ ޤައުމުތައް އަދި އަރަބި ޤައުމު ތަކުން ވަނީ އެކަމާ ދެކޮޅު ހަދައި ފާޑު ވެސް ކިޔައިފަ އެވެ.
ރިޕޯޓުގައި ވާ ގޮތުން ޓްރަމްޕްގެ އެ ޕްލޭންގެ ދަށުން ޣައްޒާ ހިންގުމަށް ހަމަޖެހިފައިވާ އިދާރާ އަށް ކިޔާނީ، "ޣައްޒާ ރީކޮންސްޓިޓިއުޝަން، އިކޮނޮމިން އެކްސެލެރޭޝަން އެންޑް ޓްރާންސްފޮމޭޝަން ޓްރަސްޓް" ނުވަތަ، "ގްރޭޓް ޓްރަސްޓް" އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެ ހަނގުރާމަ ނިންމުމަށް ވެސް ބާރު އަޅުއްވަމުންނެވެ. ނަމަވެސް، އެމެރިކާ އަދި ޓްރަމްޕް އަކީ އިސްރާއީލް އަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެވެ.