އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ވެސް މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ.
މެޗު ފަށައިގެން ކުރީ ކޮޅު ލިވަޕޫލްގެ ކޯޑި ގަކްޕޯ ފޮނުވާލި ބޯޅަ ދިޔައީ، އާސެނަލްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އާސެނަލް އަށް ލިބުނު ކޯނަރެއްގައި ޑެކްލަން ރައިސް ހުރަސްކޮށްދިން ބޯޅަ، ނޯނީ މަޑުއޭކޭ ފޮނުވާލި ނަމަވެސް ލިވަޕޫލްގެ ގޯލު ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
އާސެނަލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ގޯލު ކީޕަރު ޑޭވިޑް ރަޔާ އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެހެން ކުޅުންތެރިޔަކަށް ޖައްސާލަން މަސައްކަތް ކުރި ނަމަވެސް، އާސެނަލްގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.
އޭގެ ފަހުން ލިވަޕޫލްގެ އޭރިޔާ ކައިރިން ލިބުނު ފުރުސަތެއްގައިއ އާސެނަލްގެ ޔޫރިއެން ޓިމްބާ ފޮނުވާލި ބާރު ހަމަލާ ބްލޮކުވީ ވެޑް ޑައިކްގެ ގައިގައި ޖެހިފަ އެވެ. މެޗުގެ ދެ ވަނަ ހާާފުގައި އާސެނަލްގެ މަޑުއޭކޭ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލް އިން ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަަލައި ނުގަންނަން ވަނީ ނިންމައިފަ އެވެ. ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅަ އާސެެނަލްގެ ރަޔާ މަތަކުރި ވަަގުތު ރީބައުންސަށް އައި ނަމަވެސް، ގަކްޕޯގެ ފައިގައި ޖެހިފައި ގޯލަށް ވަނީ އެވެ. ނަމަވެސް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.
އޭގެ ފަހުން މެޗުން ލިވަޕޫލް މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ލަނޑު ޖަހައިގެންނެވެ. އެ ލަނޑު ލިވަޕޫލް އަށް ޖަހައިދިނީ ޑޮމިނިކް ސޮބޯސްލާއީ އެވެ. އެއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، މެޗުން މޮޅުވާން ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، ކުޅުންތެރިންގެ މަސައްކަތާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ މެޗުގައި ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށާއި، ރަނގަޅު އެޓޭކު ތަކެއް ކުރުމަށް ފަހު، ޑިފެންސްގައި ވެސް ރަނގަޅު ކުޅުމެއް ކުޅުންތެރިން ދެއްކި ކަމަށެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާާބު ކުރި ލިވަޕޫލް މިވަގުތު އޮތީ ވެސް އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ.