ޗައިނާއިން ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، ޗައިނާގެ ޓިއާންޖިންގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި، އާދިއްތަ ދުވަހުގެ ހެނދުނުއެވެ.
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، ރައީސް މުއިއްޒަށް މަރްހަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ވަނީ، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެމަނިކުފާނަށް ދެންނެވި ހޫނު މަރްހަބާއާއި، ދެއްވި ދައުވަތާއި، ދީލަތި މެހެމާންދާރީއަށްޓަކައި، ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވައުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)" ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ގައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.