100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލަ އެއް ގައި ޔުކްރެއިންގެ އަދުލު އިންސާފާ ބެހޭ ވަަޒީރު ސަސްޕެންޑް ކޮށްފި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޔޫލިއާ ސްވިރިޑެންކޯ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރު ވިދާޅުވީ، ޖަސްޓިސް މިނިސްޓަރ، ކުރިން އަދާކުރެއްވި ހަކަތަ އާ ބެހޭ މިނިސްޓަރ ކަމުގެ ތެރޭގައި ހަކަތައިގެ ދާއިރާގައި ހިނގި ކޮރަޕްޝަންގެމައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކާ ގުޅިގެން ޖަސްޓިސް މިނިސްޓަރ ހާމަން ގަލުޝްޗެންކޯ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މި ފިޔަވަޅު އެޅީ، އެންޓި-ކޮރަޕްޝަން ޕްރޮސިކިއުޓަރުން ކުރީގެ ހަކަތަ އާ ބެހޭ ވަޒީރަށް ޚިޔާނާތާ ގުޅޭ ގޮޮތުން ތުހުމަތު ކުރުމާ ގުޅިގެން ރައްޔިތުން ސަރުކާރާ މެދު ވަރަށް ބޮޑަށް ރުޅިގަދަ ވެފައިވާ ދަނޑިވަޅެއްގަ އެވެ.
މައްސަލަ އާ ގުޅިގެން ގަލުޝްޗެންކޯ ބަޔާނެއްގައި ވިދާޅުވީ، އޭނާ ބޮޑުވަޒީރާ ވާހަކަދައްކަވައި، ބޮޑު ވަޒީރު އެޅުއްވި ފިޔަވަޅާ މެދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
"ސިޔާސީ ނިންމުން ނިންމަން ޖެހޭނެ، އެފަދަ ނިންމުމެއް ނިންމައިގެން ހުރިހާ ތަފްސީލުތައް ސާފު ކުރެވޭނީ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ، ތަހުގީގު ކުރިއަށްދާ މުއްދަތަށް ވަގުތީ ގޮތުން މަގާމުން ވަކިކުރުމަކީ ތަހުޒީބީ އަދި ރަނގަޅު ހައްލެއް ކަމަށެވެ."
އޭނާ ވިދާޅުވީ، ކޯޓުގައި އޭނާގެ ނަފްސް ދިފާއު ކުރައްވާ، ހަގީގަތް ހާމަ ކުރައްވާނެ ކަމަށެވެ.
ސްޕެޝަލައިޒްޑް އެންޓި-ކޮރަޕްޝަން ޕްރޮސިކިއުޓަރުގެ އޮފީހުން (ސާޕޯ) ހާމަ ކޮށްފައި ވަނީ ރައީސް ވުލޮޑިމިއަރ ޒެލެންސްކީގެ ގާތް މީހެއް ކަމަށްވާ ޓިމުރް މިންޑިޗް، ހަކަތައިގެ ދާއިރާ ގައި 100 މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެމީހުން ބުނީ، ހަތަރު އަހަރުގެ މުއްދަތަކަށް ހަކަތަ އާ ބެހޭ ވަޒީރުކަން ކުރެއްވި ގަލުޝްޗެންކޯ، ވަނީ މި ސްކޭންޑަލް ހިންގުމަށް މަގުފަހި ކޮށްދިނުމުގެ ބައްދަލެއްގެ ގޮތުން އަމިއްލަ މަންފާ ހޯދާފައި ކަމުގައެވެ.