އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލަައިފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން ކުރީ ކޮޅު ފުލަމް އިން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ފުލަމްގެ ޖޯޝް ކިންގް ވަނީ ފުލަމް އަށް ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ. ނަމަވެސް، ވީިޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ނިންމާފައި ވަނީ އެ ލަނޑު ބަލައި ނުގަތުމަށެވެ.
އެ ލަނޑު ބަލައި ނުގަންނަން ރެފްރީ ނިންމީ، ލަނޑު ޖެހުމުގެ ކުރިން ފުލަމްގެ ކުޅުންތެރިޔަކު، ޗެލްސީގެ ކުޅުންތެރިޔެއްގެ ފައި މައްޗަށް އަރައި، ފައުލް ކޮށްފައިވާ ކަމަށް ބުނެ އެވެ. ރެފްރީގެ ނިންމުމާ ދެކޮޅަށް ފުލަމްގެ ކުޅުންތެރިން އަދި އޮފިޝަލުން ވެސް ވަނީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީ އަށް އެ ލަނޑު ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޗެލްސީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. ފުލަމްގެ އޭރިޔާ ތެރެއިން ޗެލްސީގެ ކުޅުންތެރިޔަކަށް ފައުލަ ކުރުމުން، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ޗެލްސީ އަށް ޕެނަލްޓީ ދީފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، ޗެލްސީގެ ދެ ވަނަ ލަނޑު ޖެހީ އެންޒޯ ފެނާންޑޭޒް އެވެ.
ލީގުގައި މިހާތަނަށް ކުޅެފައިވާ ތިން މެޗުގެ ތެރެއިން ދެ މެޗުން ޗެލްސީ މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ހަތް ޕޮއިންޓާ އެކު ޗެލްސީ މިވަގުތު އޮތީ ވެސް އެއް ވަނައިގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީ އިން ކުޅުން ރަނގަޅު ކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ. މެޗުގައި ޗެލްސީ އަށް ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމި ނިންމުމާ ގުޅޭ ގޮތުން މަރެސްކާ ބުނެފައި ވަނީ، އެއީ ޗެލްސީ އަށް ހައްގު ޕެނަލްޓީއެއް ކަމަށާއި، އެކަމާ ދެބަސްވާނެ ޖާގައެއް ނެތް ކަމަށެވެ.
އިތުރަށް އޭނާ ބުނީ ޗެލްސީ އިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އިތުރަށް ކަންކަން ރަނގަޅު ކުރަން ކަމަށާއި، ޓީމުގައި އޮތް ރޫހާއި، ކުޅުންތެރިންގެ އިތުބާރު ދަމަހައްޓައިގެން ކުރިއަށް ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ.