ދެކުނު އެފްރިކާގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމުގައިވާ ޖޫލިއަސް މަލެމާ 2022 ވަނަ އަހަރު ބޭއްވި ރެލީއެއް ގައި ދެއްކި ވާހަކަ އެއް ގައި ނަފްރަތާ ރުޅިވެރިކަން އުފެއްދުމަށް ހިތްވަރު ލިބޭ ބަހުރުވަ ބޭނުންކުރި ކަން ސާބިތުވާ ކަމަށް އެ ޤައުމުގެ އީކުއަލިޓީ ކޯޓުން ހުކުމް ކޮށްފިއެވެ.
އިކޮނޮމިކް ފްރީޑަމް ފައިޓަރސސް (އީއެފްއެފް) ޕާޓީގެ ލީޑަރު މަލެމާ އަކީ، ނަސްލީ ތަފާތު ކުރުން ނިމުނުކަން އިއުލާނު ކުރިތާ 31 އަހަރު ފަހުންވެސް ނަސްލީ މައްސަލަތައް އަދިވެސް ދެމިގެންދާ ޤައުމެއްގައި، ނަފްރަތު އުފެދޭ ގޮތައް ވާހަކަ ދައްކާ ފަރާތެއްގެ ގޮތުގައި ފާހަގަ ވެފައިވާ ސިޔާސީ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދޮން ނަސްލުގެ މީހަކު އީއެފްއެފްގެ މެންބަރަކަށް ހަމަލާދިން ކަމަށް ބުނެވޭ ހާދިސާ އަކާ ގުޅިގެން ބޭއްވި ރެލީ އެއްގައި މަލެމާ ބުނެފައި ވަނީ، "އެއްވެސް ދޮން މީހަކަށް އަހަރެންގެ ގައިގާ ނުޖެހޭނެ... (އެއިން މީހަކު) މަރާލަން ޖެހުނަސް އަހަރެމެން ބިރުގަނެގެން ނުވާނެ. އިންޤިލާބުން ބާރު އަޅަނީ ވަކި ހިސާބަކުން މީހުން މެރުމަށެވެ."
އީކުއަލިޓީ ކޯޓުން ނިންމާފައި ވަނީ މި ބަސްތަކުން "އަނިޔާވެރި ވުަމަށް ހިތްވަރުދޭކަން ދައްކުވައިދޭ" ކަމަށެވެ. ނަމަވެސް އީއެފްއެފް އިން ބުނެފައި ވަނީ މި ބަސްތައް ތަރުޖަމާ ކޮށްފައި ވަނީ އޭގެ ހަގީގީ މާނަ އިން ބޭރުން ކަމަށެވެ.
44 އަހަރުގެ ގާނޫނޫ ހަދާ މަޖިލީހުގެ މި މެންބަރާ ދެކޮޅަށް ދެ ޝަކުވާއެއް ހުށަހެޅިފައިވެއެވެ - އެއް ޝަކުވާ އަކީ ދެކުނު އެފްރިކާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހެޅި ޝަކުވާއެކެވެ. އަނެއް ޝަކުވާ އަކީ އޭނާގެ ވާހަކަތަކުގެ ސަބަބުން ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މީހަކު ހުށަހެޅި ޝަކުވާއެކެވެ.
ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ: "ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހަކާ ދެކޮޅަށް އަޑުއުފުލުމަކީ ޤަބޫލުކުރެވިދާނެ ކަމެއް ކަމުގައިވީ ނަމަވެސް، އެފަދަ މީހަކު މަރާލުމަށް ގޮވާލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ."
"އަދި ނަސްލީ ތަފާތުކުރުން ގެންގުޅޭ އަދި އަނިޔާވެރި ޢަމަލުތައް ހިންގާ މީހަކު މަރާލުމަށް ގޮވާލުމަކީ އަމިއްލައަށް ޤާނޫނު ތަންފީޒުކުރުމުގެ ޢަމަލެކެވެ. އަދި އެންމެ ހަރުކަށި އަނިޔާ އެއް ދިނުމަށް ހިތްވަރުދިނުމެކެވެ."
މި ނިންމުމާ ގުޅިގެން އީއެފްއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ނިންމުމަކީ ވާހަކަ ގަސްތުގައި އޮޅުވާލައިގެން މާނަ ކޮށްގެން ކުރި ހުކުމެއް،" ކަމުގައެވެ.
"މި ނިންމުމުން ދޭހަ ވަނީ އެ ވާހަކަތައް އަޑުއެހި މީހާގެ ކިބައިގައި މަޖާޒީ ބަސް، އިންޤިލާބީ ވާހަކަތައް ނުވަތަ މިނިވަންކަމަށް ކުރެވުނު ހަނގުރާމަތަކުގެ ތާރީޚު ދެނެގަތުމުގެ ޤާބިލުކަން ނެތް ކަމަށެވެ," އީއެފްއެފް އިން އިތުރަށް ބުނެފައިވެއެވެ.
ފާއިތުވި އަހަރުގެ ޖޫން މަހުގައި އޮތް ޕާލިމެންޓަރީ އިންތިޚާބުގައި ހަތަރުވަނަ ޖާގަ ހޯދި ޕާޓީގެ ލީޑަރު މަލެމާ އަށް ވަނީ އިނގިރޭސިވިލާތަށް ވަނުން މަނާ ކޮށްފައެވެ.
ހޯމް އޮފީހުން ބުނެފައި ވަނީ އޭނާ އަކީ "އާންމު މަސްލަހަތާ ނަގާލާ" މީހެއް ކަމަށެވެ.
ހޯމް އޮފީހުން ބުނެފައިވަނީ މަލެމާ ވަނީ "[ދެކުނު އެފްރިކާގައި] ދޮން މީހުން މަރާލުމަށް ގޮވާލާ ބަޔާންތައް ނެރެފައި ކަމަށާއި ނުވަތަ އެއީ މުސްތަޤުބަލުގައި ޤަބޫލުކުރެވިދާނެ އޮޕްޝަނެއް ކަމަށް ބުނެފައި" ކަމަށެވެ.
އީއެފްއެފް އިން އިނގިރޭސިވިލާތުގެ މި ނިންމުން ކުށްވެރިކޮށް ބުނެފައި ވަނީ އެއީ "ފިނޑި ކަމެއް" ކަމަށާއި އެ ނިންމުމުން ޑިމޮކްރެޓިކް ބަހުސްތަކަށް ހުރަސް އެޅޭނެ ކަމަށެވެ.