އިޤްތިޞާދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ހުށަހަޅާ ކަންކަަމަށް އިޖާބަދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެފަދައިން ވިދާޅުވީ، ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުގައި ކައުންސިލްތަކުން ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނެގުމުގެ ބާރު ވަނީ ހަނިކޮށްފަ އެވެ. އެހެންކަމުން ކައުންސިލްތަކުގެ އިގްތިސާދީ ބާރު އެއާއި އެކު ވަނީ ގެއްލިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށެވެ. އަދި އެއީ ވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ގެންނަމުންދާ އިސްލާހުތަކާއި އެކު ކައުންސިލްތަކަށް ލިބިފައި އޮންނަ ބަޖެޓުގެ ތެރެއިން ދެން އެއްވެސްކަމެއް ކުރެވެން ނޯންނާނެ ކަމަށް ބުނެ ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން އިގްތިސާދީ ބާރުވެރިކަމަށް ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް އާއްމުން ދަނީ ފާޑުކިޔަމުންނެވެ.
އާ އިސްލާހާއި އެކު ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެއެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވާންޖެހެއެވެ. އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު، 10،000،000 ރުފިޔާއަށް ވާން ޖެހެއެވެ. ހަމައެހެންމެ އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަސްތެރޭ އެ ނޫން ވިޔަފާރިތައް ހުއްޓާލަން ޖެހެއެވެ.