ފްރާންސްގެ ސަރުކާރު ނުވެއްޓޭނެ ކަމަށާއި، ސަރުކާރު ވެއްޓޭނެ ކަަމަށް ބަަލައިގެން އިސްތިއުފާ ނުދެއްވާނެ ކަމަށް، އެ ޤައުމުގެ މާލީ ވަޒީރު އެރިކް ލޮމްބާޑް ވިދާޅުވެއްޖެ އެވެ.
ފްރާންސްގެ އިންޓަރ ރޭޑިއޯ އަށް ދެއްވި އިންޓަވިޔުއެއްގައި މާލީ ވަޒީރު ލޮމްބާޑް ވިދާޅުވީ، މިހާރު ފްރާންސްގައި އޮތް މައިނޯރިޓީ ސަރުކާރު ވެއްޓޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ސަރުކާރު ވެއްޓޭނެ ކަމަށް ބަަލައިގެން ނޫޅޭ ކަމަށެވެ.
މިއީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފްރާންސްގެ ސަރުކާރަށް ކުރިމަތި ވެދާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މާލީ ވަޒީރު ލޮމްބާޑް ދައްކަވާފައިވާ ވާހަކަ ތަކެކެވެ.
އެގޮތުން އޭނާ ވިދާޅުވެފައި ވަނީ މިވަގުތު ފްރާންސް އޮތީ ބޮޑު ގޮންޖެހުން ތަކެއްގެ ތެރޭގައި، ސަރުކާރު އޮތީ އެކަމުގައި ވިސްނައިގެން ކުރިއަށް ދާން ކަމަށެވެ. އަދި ފްރާންސް ސަރުކާރުން މިހާރު ކުރަމުން އަންނަނީ ހަނގުރާމައެއް ކަމަށާއި، އެކަން ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ލަމްބާޑް ވިދާޅުވި އެވެ.
ފްރާންސްގެ ބޮޑު ވަޒީރު ފްރާންސުއާ ބެއިރޫގެ ސަރުކާރަށް ސިޔާސީ ގޮތުން ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައި ވީ ނަމަވެސް، ސަރުކާރުގައި ޔަގީންކަމާ އެކު ދެމި ހުންނަވާނެ ކަމަށް މާލީ ވަޒީރު ލޮމްބާޑް ވިދާޅުވެފައިވެ އެވެ.
ގިނަ ފަރާތްތަކުން އަންދާޒާ ކުރަމުން އަންނަ ގޮތުގައި، ފްރާންސްގެ ޤާނޫނު ހަދާ މަޖިލީގުގައި މެޖޯރިޓީ ނެތް ބޮޑު ވަޒީރު ބެއިރޫގެ ސަރުކާރު ވެއްޓުމަކީ ވަރަށް ގާތް ކަމެކެވެ. ނަމަވެސް އެކަމާ ގުޅިގެން ފްރާންސް ސަރުކާރުގެ ވަޒީރުންނާއި، އިސް ބޭފުޅުން ދައްކަވަމުން އަންނަ ވާހަކަތަކުން ދޭހަވަނީ ސަރުކާރު ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ އަޒުމު އެބޭފުޅުންގެ ކިބައިގައި އޮތް ކަމަށެވެ.
ފްރާންސްގެ ޑިމޮކްރަޓިކް މޫވްމަންޓް އަށް ނިސްބަތްވެ ވަޑައިގަންނަވާ ބެއިރޫ، ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް ބެއިރޫ އައްޔަން ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ އޭނާގެ ކުރިން ބޮޑު ވަޒީރު ކަމުގައި ހުންނެވި މިޝެލް ބާނިއޭގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމާ އެކު، އޭނާގެ ސަރުކާރު ވެއްޓުމުންނެވެ.
އެއީ ފްރާންސްގެ ތާރީޚުގައި ވެސް، ފާއިތުވި 60 އަހަރަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުން ސަރުކާރު ވައްޓާލެވުނު ފުރަތަމަ ފަހަރެވެ. ގާތް ގަނޑަކަށް ބޮޑު ވަޒީރު ކަމުގައި ތިން މަސް ދުވަސް ހޭދަ ކުރެއްވި ފަހުން ބާނިއޭގެ ސަރުކާރު ވައްޓާލުމާ ގުޅިގެން، ފްރާންސްގެ ސިޔާސީ މަޝްރަހަށް ވަނީ ބޮޑު ލޮޅުމެއް ވެސް އައިސްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި 577 މެމްބަރުންގެ ތެރެއިން، ބާނިއޭގެ އިތުބާރު ނެތް ކަމަށް 331 މެމްބަރުން ވޯޓު ދީފައިވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ، މަޖިލީހުން ފާސް ކުރުމެއް ނެތި، ބޮޑު ވަޒީރުގެ ބަޖެޓާ ގުޅޭ ފިޔަވަޅުތައް އެޅުމަށް ނިންމުމުންނެވެ.