އެމެރިކާގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެ ޤައުމުގެ ވެރިކަމުގައި ޑިކްޓޭޓަރެއް ހުންނަން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ވެެރި ރަށް، ވޮޝިންޓަންގައި ފެޑަރަލް ބާރުތައް ޚަރުދަނާ ކުރުމަށް އަމުރު ތަކެއްގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ގާތް ގަނޑަކަށް 80 މިނެޓަށް ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، ކުށްވެރިންނާއި، އިމިގްރޭޝަން މައްސަލަތަކާ ގުޅިގެން ނެޝަނަލް ގާޑުގެ އެހީގައި އަޅުއްވާފައިވާ ފިޔަވަޅު ތަކުގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ބައެއް މީހުން އެމެރިކާގެ ވެރިކަމުގައި އޭނާ ހުންނަން ބޭނުން ނުވާ ކަމަށާއި، އެ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މިނިވަންކަން ކުރިއަށް ނެރެގެން، އެމީހުންގެ ވާހަކަތައް އެގޮތުގައި ބައްޓަން ކުރަމުން ގެންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާއާ މުޚާތަބުކޮށް، އޭނާ އަކީ ޑިކްޓޭޓަރެއް ކަމަށް ބައެއް މީހުން ބުނަމުން ގެންދާކަން ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން އަންނަނީ، އެމީހުންނަށް ޑިކްޓޭޓަރެއް ރަނގަޅު ވެދާނެކަން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން 2020 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައި، ދެ ވަނަ ދައުރެއް ހޯއްދެވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ނަަމަވެސް، އޭނާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ. އެ އިންތިޚާބުގައި އޭނާގެ މައްޗަށް ކުރި ހޯއްދަވާފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އެވެ.
އެ އިންތިޚާބުގެ ނަތީޖާ ބަލައި ގަންނަން ދެކޮޅު ހައްދަވައި، ޓްރަމްޕް އޭރު ވެސް ވިދާޅުވަމުން ގެންދެވީ އެއީ ރަނގަޅު އިންތިޚާބެއް ނޫން ކަމަށެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އަލުން ވާދަ ކުރައްވައި، ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު ޓްރަމްޕް ވިދާޅުވަމުން ގެންދެވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ހުންނަވާނީ ޑިކްޓޭޓަރެއްގެ ގޮތުގައި ކަމަށެވެ.
މި ހިނގާ އޮގަސްޓު މަހުގެ ކުރީ ކޮޅު ޓްރަމްޕް ވަނީ ވޮޝިންޓަންގެ ކުށްވެރިކަމުގެ މައްސަލަތަކާ ގުޅިގެން ނެޝަނަލް ގާޑު އެ ސަރަހައްދަށް ފޮނުއްވައި، އެ ސިޓީގެ ފުލުހުންގެ ބާރުތައް ފެޑަރަލް ސަރުކާރުގެ ދަށަން ގެންނަވައިފަ އެވެ. ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑު ވިދާޅުވަމުންނެވެ.
އެއަށްފަހު ޓްރަމްޕް ވަނީ ޝިކާގޯ އަދި ބޯލްޓިމޯ އަށް ވެސް ސިފައިން ފޮނުބުމަށް ވިސްނަމުން ގެންދަވާކަން ހާމަކުރައްވައިފަ އެވެ. ޓްރަމްޕްގެ މި ވިސްނުން ބޮޑަށް ހުރީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ބާރު އޮތް ސަރަހައްދު ތަކަށް އެކަން އަމާޒު ކުރެއްވުމަށެވެ. މިއަހަރުގެ ޖޫން މަހުގެ ލޮސް އެންޖަލަސްގެ ގަވަރުނަރު އެކަމަށް އިންކާރު ކޮށްފައި ވަނިކޮށް ވެސް، ޓްރަމްޕް ވަނީ އެ ސަރަހައްދަށް ވެސް ނެޝަނަލް ގާޑު ފޮނުވައިފަ އެވެ.
އެމެރިކާގެ ދިދަ އަންދާ ފަރާތްތަކާ މެދު ތަހުގީގުކޮށް ދައުވާ ކުރުމަށް އެގްޒެކްޓިވް އޯޑަރެއްގައި ސޮއި ކުރައްވައި، އެ ފަދަ އަމަލުތަކަށް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވަނީ ކަނޑައަޅުއްވައިފަ އެވެ. ނަމަވެސް އެއީ، 1989 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތާ ޚިލާފު ނިންމުމެކެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، ރައީސް އަށް ލިބިފައިވާ ބާރުތައް ޤާނޫނު އަސާސީގެ އިމުން ބޭރަށް ގެންދާ ކަމަށެވެ. ނަމަވެސް، އުމުރުން މިހާރު 79 އަހަރުވެފައިވާ ޓްރަމްޕް ވަނީ އޭނާއާ ދެކޮޅަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކާ ދެކޮޅު ހައްދަވައި، އެއްވެސް ނާޖާއިޒު ނުވަތަ ޣައިރު ޤާނޫނީ އަމަލެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ އަމަލުތައް ހުންނަވާ ގޮތުން އަދި ނިންމުންތައް ނިންމަވާ ގޮތުން ގިނަ ބަޔަކު ތިބެނީ އޭނާ ދެކެ ނުރުހުންވެފަ އެވެ. އެގޮތުން ދެ ވަނަ ދައުރަަކަށް ޓްރަމްޕް ގެންނަވަން މަސައްކަތް ކުރި މީހުން ވެސް، އޭނާއާ މެދު މާޔޫސްވެފައި ތިބި ކަމަަށް ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް އޭނާގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ޓްރަމްޕްއާ މެދު ނުރުހުންވާ ގިނަ ބަޔަކު އެ ޕާޓީގެ ތެރޭގައި ތިބި ކަމަަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި ޓްރަމްޕްގެ އަމަލު ތަކުގެ ސަބަބުން ކުރިއަށް ހުރި އިންތިޚާބު ތަކުގައި ރިޕަބްލިކަން ޕާޓީ އަށް އެކަމުގެ ގެއްލުން ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކަމަށް ވަނީ ބުނެފަ އެވެ.