އައްޑޫ ސިޓީގެ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ފެށުން ލަސްވެ ސަރުކާރުގެ އިހުމާލުން އެއްބަސްވުން ބާތިލުކޮށްފިއެވެ.
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރީ 30 މާޗް 2023 ގައެވެ. 9 މިލިއަން ޑޮލަރުގެ މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުރަން އޮތީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، 64 ސަރވިސްޑް އެޕާޓްމެންޓްގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލިވުމުގެ ވަސީލަތްތައް ހިމެނެއެވެ.
ނަމަވެސް ސަރުކާރުން މި ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް އެންމެ ފަހުން އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. މިކަމާއި ގުޅިހެން ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަންކެޑެ ކުއްޔަށް ދިނުން ބާޠިލްކޮށް، އެތަނުގައި ފަތުރުވެރިކަމުގެ އިންޓަގްރޭޓެޑް ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓާލަން ނިންމާފައިވާކަމީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
މި މަޝްރޫޢަކީ އެމްޑީޕީ ސަރުކާރުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއެކު، އައްޑޫ އަދި ދެކުނުގައި ފަތުރުވެރިކަން ފެށުމަށްޓަކައި ރޭވި މަޝްރޫޢެކެވެ. މި މަޝްރޫޢު ޗައިނާގެ ސަރުކާރު ހިއްސާވާ ބޭންކަކުން ލޯނު ނަގައިގެން ފައިނޭންސްކުރުމަށް އޮތީ ހަމަޖެހިފައެވެ.
2023 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރު، މި މަޝްރޫޢު އޮތީ ފެށުމުގެ މަރުހަލާގައި، ހަމައެކަނި ފަހުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން ބާކީ އޮވައެވެ. މިހާރުގެ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި، ސިޔާސަތުތަކުގެ ހަރުދަނާކަން ނެތުމުގެ ސަބަބުން މަޝްރޫޢު ފެށުން ލަސްވެ، މިހާރު މަޝްރޫޢު ވަނީ ބާޠިލްކޮށްފައެވެ. މިއީ އައްޑޫ އަދި ދެކުނުގެ ރައްޔިތުން އެމީހުންގެ ރަށުގައި އިޤްތިޞާދީ ފުރުޞަތުތަކަށް ކުރި އުންމީދުތައް ނެތިދިޔުމެކެވެ.
It is very unfortunate that the government of @MMuizzu has decided to terminate the lease of S. Hankede and stop the planned development of an integrated tourist resort. This project was conceptualised by the MDP government to kick start tourism in Addu and the south together… pic.twitter.com/XkBYocegyZ
— Fayyaz Ismail (@faya_i) August 25, 2025
ފައްޔާޒް ވިދާޅުވީ ދިވެހި ސަރުކާރުން ހަލާލް ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވިނަމަ، ކުރިއަށް ގޮސްފައިވާ މަޝްރޫޢެއް ބާޠިލްކުރުމުގެ ބަދަލުގައި ސަވާހެލި ނުވަތަ ގައުކެނޑީ ފަދަ އެހެން ރަށެއްގައި އެކަން ކުރެވިދާނެ ކަމަށެވެ. މި މަޝްރޫޢު ބާޠިލްކުރުމުގެ ސަބަބުން ބޮޑު ބަދަލެއް ދޭންޖެހުމާއި، އައްޑޫ ސިޓީ އިޤްތިޞާދީގޮތުން މިނިވަންވުމަށް ކުރި އަގުހުރި މަސައްކަތް ބޭކާރުވެގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ބޮޑު މަޝްރޫއުއެކެވެ.
ނަމަވެސް އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިންގ ހަމަޖެއްސި ނަމަވެސް މި ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން މަޝްރޫޢުގެ މެދުތެރެއިން އެކަން ފެއިލްކޮށްލި އެވެ. މި ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތަކުގެ މައްޗަށް، ޚާއްޞަކޮށް އެޗްޑީސީއަށް ނަގާފައިވާ ލޯނުތަކުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ވާހަކަ ފާޅުކަން ބޮޑުގޮތެއްގައި ދެއްކުމާއެކު ނަތީޖާއެއްގެ ގޮތުން ޗައިނާގެ ބޭންކުތަކުން ދިވެހި ސަރުކާރާއި އެސްއޯއީތަކަށް ލޯނު ދިނުން ހުއްޓާލި އެވެ.
ސަރުކާރުގެ އިހިމާލުން އެއްބަސްވުން ބާތިލްކުރި އިރު މިމަޝްރޫޢުގައި މަސައްކަތް ކުރުމުގެ ގޮތުން އޮފިސަރ، އެކްޒެކެޓިވް، ސުޕަވައިޒަރުން އަދި ސަޕޯޓް ސްޓާފުން ހޯދުމަށް މަސައްކަތް ވެސް ކޮށްފައި ވެއެވެ.