އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއަރ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތައް މެދު ކެނޑިފައި އޮތް ނަަމަވެސް، އީރާން އިން މަޝްވަރާ ކުރަން ބޭނުންވާ ކަމަށާއި، އެމެރިކާ އިން އަވަސް އަރުވާ ނުލާާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އީރާންއާ ދެމެދު ނިއުކްލިއަރ ޕްރޮގްރާމްއާ ގުޅޭ މަޝްވަރާތައް ފަށާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެ މަޝްވަރާތަކުގައި ފަސް ބައްދަލުވުމެއް ބާއްވައި، ހަ ވަނަ ބައްދަލުވުމަކަށް ދެ ޤައުމުން އެއްބަސްވި އެވެ. ނަމަވެސް، އިސްރާއީލާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން އެ މަޝްވަރާތައް ވަނީ މެދު ކެނޑިފަ އެވެ. އެ ހަނގުރާއިގެ ތެރެއިން ވަކި ހިސާބަކުން އެމެރިކާ އިން ވެސް ވަނީ އީރާނަށް ހަމަލާ ދީފަ އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އީރާން އިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާ އިން އެކަމުގައި އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ލަފާދޭ ފަރާތެއް ކަމަށްވާ އަލީ ވެލަޔަތީ ވިދާޅުވެފައި ވަނީ، އީރާން އިން ޔުރޭނިއަމް އުފެއްދުން ހުއްޓާލުމަކީ މަޝްވަރާތަކުގެ ޝަރުތެއް ކަމަށްވާ ނަމަ، އެ ފަދަ މަޝްވަރާތަކެއް ނުބޭއްވޭނެ ކަމަށެވެ. މީގެ އިތުރުން އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ ނިއުކްލިއާ ހަތިޔާރު ތަރައްޤީ ކުރުމަށް ބޭނުން ކުރެވިދާނެ އެ މަސައްކަތް ދޫކޮށްލަން އީރާން އިން ބޭނުން ނުވާ ކަމަށެވެ.
އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ސަބަބުން މަޝްވަރާތައް މެދު ކެނޑިފައި އޮތް ނަމަވެސް، ދެ ޤައުމުން ވެސް މަޝްވަރާތައް ފަށަން ބޭނުންވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އީރާން އިން ބުނަމުން އަންނަނީ އެ ޤައުމުގެ ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުން ކުރުމުގެ ހައްގު ދޫކޮށް ނުލާނެ ކަމަށެވެ.
ނަމަވެސް މަޝްވަރާތައް ފެށުނީއްސުރެ އެމެރިކާ އިން ބުނަމުން އަންނަނީ އީރާން އިން ޔުރޭނިއަމް ފައްކާ ކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި ދެބަސްވުމާއި، ޚިޔާލު ތަފާތުވުން އުފެދިގެން އުޅެނީ ވެސް އެ މައްސަލައިގަ އެވެ.