ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހު، އެ ވައިގެބަނދަރު ފުރިހަމަ އަށް ބޭނުން ކުރެވޭ ގޮތަށް ނިންމައި ހުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ހަނިމާދޫ ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިފަހަރު ކުރިއަށް ގެންދާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު، ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރު ކުރެވޭނޭ ކަމަށެވެ. އެގޮތުން، އެއަރޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއަރޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ލޯކަލް ޓޫރިޒަމަށް ވެސް މަގު ފަހިވާނޭ ބީދައިން، އެއަރޕޯޓުން ބޭރުގައި ވެސް ޑޮލަރު އޭ.ޓީ.އެމެއް ބަހައްޓައިދެއްވާނޭ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭ.ޓީ.އެމްތައް ވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސަވައި ދެއްވުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް ޤާއިމު ކޮށްދެއްވާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ، އެރަށުގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލު ކުރައްވާނޭ ކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދަވާނީ، ވަކި ސަރަޙައްދެއްގައި ހައުސިންގ ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ހިރިމަރަދޫ އިން ހަނިމާދޫ އަށް އެއްފަސްވާ އާބާދީ އަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދަވައި، ކޯޓުގައި ހުއްޓިފައި އޮތް ހައުސިންގ މަޝްރޫޢަށް ހުއްދަލިބުމާއެކު އެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނޭ ކަމަށް ވިދާޅުވިއެވެ.
ޢުމްރާނީ މިފަދަ މަޝްރޫޢު ތަކާއެކު އެކީ މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ވެސް ވަނީ ރާއްވަވާފައި ކަމަށެވެ.
ހޯމަ ވިލޭރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫ އަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށް ވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ރަށުގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ހޯމަ ދުވަހު ރަސްމީކޮށް ފައްޓަވާނޭކަން މުއިއްޒު އިޢުލާން ކުރެއްވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ޚިދުމަތް ފައްޓަވައި، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ޚިދުމަތްދޭން ފައްޓަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ހަނިމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ހޯމަ ވިލޭރޭ ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލު ކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓަކާއި ހަނިމާދޫ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ލެބޯޓްރީ ވަޞީލަތްތައް ޤާއިމު ކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިޤްތިސާދު ހަރުދަނާ ކުރުމަށް ކުރެވިދާނެ އެކި ކަންކަން ކައުންސިލުން ހުށަހަޅާފައިވެއެވެ. އެގޮތުން ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ މަގުފަހި ކޮށްދެއްވުމަށް އެދުނެވެ. ރަށުގައި ޑޮލަރު ނެގޭނެ ގޮތަކާއި އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އެ ސަރަހައްދަށް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަ ކުރިއެވެ.