ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 21:13
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ބިޒްނަސް ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ބިޒްނަސް ކައުންސިލް ބައްދަލުވުމެއް ކުރިއަށް ދަނީ
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީ
މަގްސަދުތަކާ އެއް ގޮތައް މަސައްކަތް ނުކުރާ ކުންފުނިތައް އުވާލުމާ ބެހޭ އައު ގަވައިދެއް އިކޮނޮމިކް މިނިސްޓްރީ އިން އިއުލާނު ކޮށްފި
އިކޮނޮމިކް މިނިސްޓްރީން ފާސްކުރި އައު ގަވާއިދުގެ ދަށުން، އަހަރީ ފީ ނުދައްކާ އަދި ވިޔަފާރި ހަރަކާތްތެރިކަން ނެތް ކުންފުނިތައް އުވާލެވޭނެ.

މަގްސަދުތަކާ އެއް ގޮތައް މަސައްކަތް ނުކުރާ ކުންފުނިތައް އުވާލުމާ ބެހޭ އައު ގަވައިދެއް އިކޮނޮމިކް މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.

މި ގަވާއިދަކީ "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 75 (ހ) (3) ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ކަނޑައަޅާ ކުންފުނިތައް އުވާލުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު [2025/R-83]" އެވެ. މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައި ވަނީ 18 އޯގަސްޓުގައެވެ.

މި ގަވާއިދު ބުނާ ގޮތުން، އަހަރީ ފީ ގަވައިދުން ނުދެއްކުމާއި، ދިގު މުއްދަތަކަށް ހަރަކާތްތެރި ނުވުމާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓު ފަދަ ލާޒިމު ލިޔެކިޔުންތައް ހުށަނޭޅުމުގެ ސަބަބުން ކުންފުނިތައް އުވާލުމަށް ކަނޑައެޅިދާނެއެވެ. އަދި ރަޖިސްޓަރީ ކުރެވުނުތާ އެއް އަހަރު ތެރޭގައި ހަރަކާތްތެރިވާން ނުފަށާ ކުންފުނިތަކާއި، ވިދިވިދިގެން ދެ އަހަރު ހަރަކާތްތެރިނުވެ ހުންނަ ކުންފުނިތައް ވެސް މި ގިންތީގެ ތެރޭގައި ހިމެނޭނެއެވެ.

މި ގަވާއިދު ޢަމަލުކުރަން ފެށުމަށްފަހު ތިން މަސްދުވަހުގެ ތެރޭގައި، މިފަދަ ކުންފުނިތަކުގެ ޢާންމު ލިސްޓެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މި ގޮތުން އިއުލާނު ކުރާ އިރު ކުންފުނީގެ ނަމާއި، ރަޖިސްޓަރީ ނަންބަރު، އަދި އުވާލުމަށް ނިންމި ސަބަބު ބަޔާން ކޮށްފައި އޮންނާނެ ކަމަށް ބުނެފައިވެއެވެ. މިގޮތަށް އުވާލާ ކުންފުނިތަކުން އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތް ނަމަ، މަސްލަހަތު އޮތް ފަރާތްތަކަށް 30 ދުވަހުގެ މުއްދަތެއް މައްސަލަ ހުށަހެޅުމަށް ދެވޭނެއެވެ. މި ފަދަ ޝަކުވާ ތައް ލިޔެކިޔުންތަކުން ނުވަތަ ކަމާގުޅޭ ކޯޓު ނިންމުންތަކުން ސާބިތު ކޮށްދޭން ވާނެ ކަމަށް ބުނެފައިވެއެވެ. އެއްވެސް ޝަކުވާ އެއް ހުށަނާޅައިފިނަމަ، ނުވަތަ މައްސަލަތައް ޙައްލު ކުރެވުމުން، 14 ދުވަހުގެ ތެރޭގައި އުވާލުމުގެ މަސައްކަތް ރަޖިސްޓްރަރ ނިންމަން ޖެހޭނެއެވެ.

ކުންފުނި އުވާލުމުން، އެ ކުންފުނީގެ ނަން ކުންފުނިތަކުގެ ދަފްތަރުން އުނިކުރެވި، އެ ނިންމުން ޢާންމުކޮށް އިޢުލާންކުރެވޭނެއެވެ. ނަމަވެސް، އުވާލުމަށް ކަނޑައެޅިފައިވާ ކުންފުނިތަކަށް، ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތައް ދެއްކުމާއި، ހުށަނާޅާ ހުރި އަހަރީ ލިޔެކިޔުންތައް ހުށަހެޅުމާއި، ކުންފުނި ހިންގުން ކުރިއަށް ގެންދަން ބޭނުންވާކަން ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅުމުން މި ގަވާއިދުގައި އަލުން އެ ކުންފުންޏެއް ހިންގުމުގެ ފުރުޞަތު ވެސް ދީފައިވެއެވެ.

- ކޮމެންޓް