ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2025ގެ ނިޔަލަށް އެ މަސައްކަތް ނުނިމޭނެކަން ޔަގީންވުމުން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ.
މައުރޫފް ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައި ކަމަށް ވާއިރު އެ ދާއިރާގެ ފައިދާ ދިވެހިންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެ ގޮތުން ރަށްރަށުގައި ރަނގަޅު ފެންވަރުގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް އޮތުން މުހިންމު ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންކަމުން 2025ގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމްކޮށް ނިންމާކަން ޔަޤީންކުރުމަށް، އެކަަމަށް ޚާއްސަ ބިލެއް އެކުލަވާލާ، އޭރުގެ ސަރުކާރުން ވާނީ އެ ބިލު ފާސްކޮށްފައި ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެހެންނަމަވެސް ވެރިކަން ބަދަލުވި ހިސާބުން މި ހިސާބަށް އައި އިރު އެއްވެސް އާ މަޝްރޫޢު އެއް ނުހިނގާ ތަނުގައި ފަށާފައި ހުރި މަޝްރޫޢުތައް ވެސް މި ސަރުކާރަށް ކުރިއަށް ނުގެންދެވޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް ހުރީ ހުއްޓިފައި ކަމަށް މައުރޫފް ވިދާޅުވިއެވެ.
" ބިލެއް ފާސްކުރެވިދާނެ މެޖޯރިޓީ އޮތީމަ. ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ނެތް ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް ނުފައްޓާ ބޮޑު ޕަރސަންޓޭޖަކަށް މަސައްކަތް ނުނިމޭ. މިހާރު 2025ގެ ނިޔަލަށް މަސައްކަތް ނުނިންމޭނެތީވެ 2027ގެ ނިޔަލަށް މަސައްކަތް ނިންމަން ޤާނޫނު އެ ބަދަލުކޮށްލެއްވީ. އެއީ މި ބޭފުޅުންނާއި އެމްޑީޕީ އާއި އޮތް ތަފާތަކީ." މައުރޫފް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ 11 އޮގަސްޓް 2025ގައެވެ. އަދި 18 އޮގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.
ގާނޫނު ނަންބަރު 8/2020، ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.