Advertisement
ކ. މާލެ
|
23 އޯގަސްޓް 2025 | ހޮނިހިރު 19:20
ހދ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް: ވިދާޅުވީ މަކުނުދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް
ހދ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް: ވިދާޅުވީ މަކުނުދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް
ރާއްޖެއެމްވީ
މަކުނުދޫ ހޭންޑްބޯލް ކޯޓު
ކުރީ ސަރުކާރުން މަކުނުދޫގަ ތަރައްގީކުރަން ފެށި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މި ސަރުކާރު އައިފަހުން އޮތީ ހުއްޓިފަ
ކުރީ ސަރުކާރުން މަކުނުދޫގައި ތަރައްގީކުރަން ފެށި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މި ސަރުކާރު އައިފަހުން ކުރިޔަށް ނުދޭ
ކޯޓުގެ ވަށައި ފެންސް ޖަހައި، ކާނުތައް ލައި، ލައިޓްތައް ހަރުކޮށް، ކޯޓުގައި އަޅާނެ ޓާފް ވެސް ހުރީ ގެނެސްފަ
މި މަޝްރޫޢު ފެށީ އެރަށުގެ ޒުވާނުން އެންމެ ފޯރިއާއެކު ކުޅެމުން އައި ކުޅިވަރަކީ ހޭންޑްބޯޅަ ކަމަށްވާތީ

ރައީސް އިބުރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހދ. މަކުނުދޫގައި ތަރައްގީކުރަން ފެށި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މި ސަރުކާރު އައިފަހުން ހުއްޓިފައިވާ ކަމަށް ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހުގެ ސަރުކާރުން މަކުނުދޫގައި ތަރައްގީކުރަން ފެށި ހޭންޑްބޯޅަ ކޯޓުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެ ކޯޓުގެ ވަށައި ފެންސް ޖަހައި، ކާނުތައް ލައި، ލައިޓް ތައް ހަރުކޮށް، ކޯޓުގައި އަޅާނެ ޓާފް ވެސް ވަނީ ގެނެސްފަ އެވެ.

އެހެން ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރު ނިމި މި ސަރުކާރު އައިފަހުން އެ ކޯޓުގެ އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވެއެވެ. އަދި ކޯޓު ހެދުމަށް ކުރީ ސަރުކާރުން ގެނެސްފައިވާ ޓާފު ތައްވެސް އަވީގައި ހުރެ ދަނީ ހަލާކުވަމުންނެވެ.

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް ރާއްޖެ އެމްވީއަށް ވިދާޅުވީ އެ ރަށުގެ ހޭންޑްބޯޅަ ކޯޓު ތަރައްގީކުރުމަށް ގެނެސްފައި ހުރި ތަކެތި އަވީގައި ހުރެ ހަލާކުވަމުން ދާއިރު، އެ ތަކެތި ގެނެސްފައި ހުންނަތާ ގާތްގަނޑަކަށް ދެ އަހަރުވެއްޖެ ކަމަށެވެ. އަދި އެ ތަކެތި ހަލާކުވަމުން އަންނައިރު ވެސް މި ސަރުކާރުން އެކަމާ އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައުޒަމް ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުން މަކުނުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމަށް ނިންމާ އެ މަސައްކަތް ފެއްޓީ އެ ރަށުގައި އޭރު ޒުވާނުން އެންމެ ފޯރިއާއި އެކު ކުޅެމުން އައި ކުޅިވަރަކީ ހޭންޑް ބޯޅަ ކަމުގައިވާތީ ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ނިމިދިއަ ސަރުކާރުން މަކުނުދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ނިންމީ އޭރު އެ ރަށުގައި ޒުވާނުން އެންމެ ފޯރިޔާއި އެކު ކުޅެމުން އައި އެެއް ކުޅަވަރަކީ ހޭންޑްބޯޅަ އަށް ވުމުން. އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދިޔަ، އެގޮތުން ކޯޓުގެ ބޮޑު ބައެއް ފަސްގަނޑު އެއްވަރު ކޮށް، ވަށައި ފެންސް ޖަހާ، ކާނުތައް ހެދި، ލައިޓް ތައްވެސް ހުރީ ޖަހާފަ، އެހެން ނަމަވެސް މި ސަރުކާރު އައުމާ އެކު ދެން ބާކީ ހުރި މަސައްކަތް ވަނީ ހުއްޓިފަ، އޭގެ ފަހުން އެ ތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. މިހާރު ދަނޑުގައި އަޅަން ގެނައި ޓާފުތައް ވެސް އެހެން ހުންނަތާ ދެ އަހަރުވީ، އެތަކެތި މިހާރު ދަނީ ހަލާކުވަމުން.

މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް

އައުޒަމް ވިދާޅުވީ ހޭންޑްބޯޅަ ކޯޓުގެ ބޮޑު ބައެއް ނިމިފައިހުރި އިރު، ދެން އެ ތަން ނިންމަން ކުރަން ޖެހޭނީ ވަރަށް ކުޑަ މަސައްކަތެއް ކަމަށެވެ. އެގޮތުން ގިނަވެގެން ދެމަސްތެރޭގައި މިހާރު ހުރި މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައުޒަމް ވިދާޅުވީ ޒުވާނުންގެ ދުޅަހެޔޮކަމަށް ވެސް ކުޅިވަރު ކުޅޭ ދަނޑުތަކެއް އޮތުމަކީ ވަަރަށް މުހިންމު ކަމެއް ކަމަށާއި އެގޮތުން އަބަދުވެސް ކުރާ އުންމީދަކީ އެ ފަދަ ތަންތަން ރަށުގައި ތަރައްގީ ވެގެން ދިއުންކަމަށެވެ.

- ކޮމެންޓް