ކ. މާލެ
|
22 އޯގަސްޓް 2025 | ހުކުރު 06:41
ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުދުސްގެ ބޭރުގައި އޮންނަ އީ1 ގެ ނަމުން މަޝްހޫރު ބިމެއް ކަމުގައިވާ މާލޭ އެޑްމީމް އާބާދީ ކައިރީގައި އިސްރާއީލުގެ ފުލުހުން ފޯރިމަރަނީ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުދުސްގެ ބޭރުގައި އޮންނަ އީ1 ގެ ނަމުން މަޝްހޫރު ބިމެއް ކަމުގައިވާ މާލޭ އެޑްމީމް އާބާދީ ކައިރީގައި އިސްރާއީލުގެ ފުލުހުން ފޯރިމަރަނީ
އޭއެފްޕީ
އިސްރާއީލް-ފަލަސްޠީން
ފަލަސްތީނުގެ ވެސްޓް ބޭންކް ގައި ޔަހޫދީ އާބާދީ އެއް ގާއިމު ކުރުމުގެ ޕްލޭނަށް ހުޅަނގުގެ ގައުމުތަކުން ދެކޮޅު ހަދައިފި
އިސްރާއީލުން ޖެރޫސަލަމްގެ އިރުމަތީގައި އާބާދީއެއް އުފެއްދުމަށް ނިންމި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް 21 ޤައުމަކުން ބުނެފައިވެއެވެ. މި ނިންމުމުގެ ސަބަބުން ފަލަސްތީނު ބިން ބައިބައިވެ، ސަރަހައްދުގެ ސުލްހަ މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ބައިނަލްއަޤްވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިސްރާއީލުން ވެސްޓް ބޭންކުގައި ޔަހޫދީ ބޮޑު އާބާދީއެއް ގާއިމު ކުރަން މަޝްރޫޢުއެއް ފާސްކުރުމަކީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް" ކަމަށް އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނޭ ގޮތަށް 21 ޤައުމަކުން ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާ ގުޅިފައިވާ ބަޔާނެއްގައި، ބުނެފައިވެއެވެ.

އިސްރާއީލުން ބުދަ ދުވަހު ފާސްކޮށްފައިވަނީ ޖެރޫސަލަމްގެ އިރުމަތީގައިވާ ގާތްގަނޑަކަށް 12 އަކަ ކިލޯމީޓަރު (5 އަކަ މޭލު) ގެ ބިމެއްގައި އާބާދީއެއް އުފެއްދުމުގެ ޕްލޭނެކެވެ. މި ސަރަޙައްދު އާންމުކޮށް ކިޔަނީ "އީ1" އެވެ.

"އަޅުގަނޑުމެން މި ނިންމުން ކުށްވެރިކޮށް، އެންމެ ހަރުކަށި އިބާރާތުން މި ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލަމެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި އޮސްޓްރޭލިއާ، ކެނެޑާ އަދި އިޓަލީވެސް ހިމެނެއެވެ.

ބެލްޖިއަމް، ޑެންމާކް، އެސްޓޯނިއާ، ފިންލެންޑް، އައިސްލެންޑް، އަޔަލެންޑް، ޖަޕާން، ލެޓްވިއާ، ލިތުއޭނިއާ، ލަކްސެމްބާގް، ނެދަލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްލޮވީނިއާ، ސްޕެއިން އަދި ސްވީޑަން އާއި އެކު ޔޫރަޕިއަން ކޮމިޝަންގެ ޚާރިޖީ ގުޅުންތަކުގެ އިސްވެރިޔާވެސް މި ބަޔާނުގައި ސޮއިކޮށްފައިވެއެވެ.

މި ބަޔާނުގައި، އިސްރާއީލުގެ ހަރުކަށި ވިސްނުމުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް މި ޕްލޭނުގެ ސަބަބުން "ދެ ދައުލަތުގެ ޙައްލު ނެތިގެން ދާނެ ކަމަށާއި، އެއީ ފަލަސްތީނު ބިން ބައިބައިވެ، ފަލަސްތީނުގެ ރައްޔިތުންނަށް ޖެރޫސަލަމަށް ވަދެނިކުމެ އުޅުމަށް ހުރަސް އެޅޭނެތީ" ކަމަށް ބުނެފައިވާ ވާހަކަ ފާހަގަ ކޮށްފައިވެއެވެ.

"މިއިން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ،" ބަޔާނުގައި ސޮއި ކުރެއްވި ޚާރިޖީ ވަޒީރުން ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި މިކަމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެ، އިތުރު އަނިޔާވެރިކަމާއި ހަމަނުޖެހުން އުފެދި، އަޅުގަނޑުމެން ސުލްްޙަވެރިކަމުން އިތުރަށް ދުރަށް ދާނެއެވެ.

"އިސްރާއީލުގެ ސަރުކާރަށް އަދިވެސް އީ1 ޕްލޭން އިތުރަށް ކުރިއަށް ނުގެންދިއުމުގެ ފުރުޞަތު އެބައޮތެވެ. އަޅުގަނޑުމެން އެ ފަރާތްތަކަށް ގޮވާލަނީ އަވަސް ގޮތެއްގައި މި ޕްލޭން އަނބުރާ ގެންދިއުމަށެވެ،"އެ ފަރާތްތަކުން އިތުރަށް ބުނެފައިވެއެވެ.

މި ޕްލޭނުގެ ދަށުން ޖެރޫސަލަމާއި އިސްރާއީލުގެ އާބާދީއެއް ކަމުގައިވާ މާލޭ އެޑްމިމް އާ ދެމެދުގައިވާ ވަރަށް ޚައްސާސް ބިމެއްގައި ޔަހޫދީންނަށް ގާތްގަނޑަކަށް 3,400 ގެދޮރު އިމާރާތްކުރުމަށް ވަނީ ރޭވިފައެވެ.

1967 އިން ފެށިގެން އިސްރާއީލުން ވެސްޓް ބޭންކް ހިސޯރުކޮށް އެތަނުގައި އިސްރާއީލުގެ ޕްލޭނިންގ ހުއްދަ ދީގެން ގެދޮރު އިމާރާތް ކޮށްފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިސްރާއީލުން ކޮށްފައިވަނީ ޣައިރު ޤާނޫނީ ކަމެއް ކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބުނެފައެވެ.

ރާމަﷲގައި ހުންނަ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިސްރާއީލުގެ އެންމެ ފަހުގެ މި ފިޔަވަޅު ކުށްވެރިކޮށްފައިވެއެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސްވެސް މިކަމާމެދު ފާޑު ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުން ބުރާސްފަތި ދުވަހު އެ ގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު ޓްޒިޕީ ހޮޓޮވެލީ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް މި ނިންމުމާމެދު އިހުތިޖާޖުކޮށްފައިވެއެވެ.

"އާބާދީ ގާއިމު ކުރުމުގެ ޕްލޭންތައް ތަންފީޒުކޮށްފިނަމަ، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހަރުކަށި ގޮތެއްގައި ޚިލާފުވުމެކެވެ. އަދި މުސްތަޤުބަލުގެ ފަލަސްތީނު ދައުލަތް ދެބައިވެގެން ދާނެއެވެ. މިއީ ދެ ދައުލަތުގެ ޙައްލަކަށް ނުހަނު ބޮޑު ހުރަހެކެވެ،" އިނގިރޭސި ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

- ކޮމެންޓް