Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 23:30
މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތުން
މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތުން
އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތް
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު 11,191.95 އަށް ބަދަލުވެއްޖެ އެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

21 އޮގަސްޓް 2025 (27 صَفَــــرُ 1447ހ.) އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18.81 (އަށާރަ ރުފިޔާ އަށްޑިހަ އެއް ލާރި)ގެ ރޭޓުން 595 (ފައްސަތޭކަ ނުވަދިހަ ފަސް) ގްރާމަށްވާ 11,191.95 (އެގާރަހާސް އެއްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ ފަސް ލާރި) އެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެވެއެވެ. އެންމެފަހުން އޭޕްރީލް މަހު ކުރި ޢިއުލާނުގައި ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9,264.15 ރުފިޔާ އެވެ.

މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 18.81 (އަށާރަ ރުފިޔާ އައްޑިހަ އެއް ލާރި) އަދި ރަނުގެ އަގުހުރީ ގްރާމަކަށް 1,652.10 (ސޯޅަސަތޭކަ ފަންސާސް ދެ ރުފިޔާ ދިހަ ލާރި) އެވެ. ރިހީގެ ނިޞާބަކީ 595 ގްރާމު އަދި ރަނުގެ ނިޞާބަކީ 85 ގްރާމެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

- ކޮމެންޓް