ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 12:10
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ރަޝިޔާގެ ރައީސް ޕުޓިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުމުގެ މައުލޫމާތު ސައުދީ ވަލީ އަހުދާ ހިއްސާ ކޮށްފި
އެ މަޝްވަރާތަކުގައި ޕުޓިން ވަނީ، ބައިނަލްއަޤުވާމީ މައްސަލަތައް ހައްލު ކުރުމުގައި ސައުދީ އަރަބިއްޔާ އިން ގެން ގުޅޭ ޚަރުދަނާ އުސޫލުތަކަށް ތައުރީފު ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ މައުލޫމާތު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ހިއްސާ ކުރައްވައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ، ފޯނު މެދުވެރިކޮށް ޕުޓިންއާ ވާހަކަ ދައްކަވައިފަ އެވެ. އެ މަޝްވަރާތަކުގައި ޕުޓިން ވަނީ، ބައިނަލްއަޤުވާމީ މައްސަލަތައް ހައްލު ކުރުމުގައި ސައުދީ އަރަބިއްޔާ އިން ގެން ގުޅޭ ޚަރުދަނާ އުސޫލުތަކަށް ތައުރީފު ކުރައްވައިފަ އެވެ.

މީގެ އިތުރުން ސަރަހައްދީ މައްސަލަތަކުގައި، އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވައި، ވަލީ އަހުދަށް ވެސް ޕުޓިން ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޕުޓިންއާ އެކު ކުރިއަށް ގެންދެވި މަޝްވަރާ ތަކުގައި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ، ބައިނަލްއަޤުވާމީ މައްސަލަތައް ހައްލު ކުރުމުގައި ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް ސައުދީ އަރަބިއްޔާ އިން ދެމުން ގެންދާ އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ދެމުން ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ޚަރުދަނާ ކުރުމާއި، އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ޕުޓިން އަދި މުޙައްމަދު ބިން ސަލްމާން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެސްޕީއޭ އިން ވަނީ ބުނެފަ އެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ވެސް ވަނީ މި މަޝްވަރާތަކުގެ މައުލޫމާތު ހާމަކޮށް، ޕުޓިން އަދި ޓްރަމްޕްގެ އެންމެ ފަހުގެ މައުލޫމާތު ސައުދީ ވަލީ އަހުދާ ހިއްސާކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ތަޖުރިބާ ކާރުން ބުނެފައިވާ ގޮތުގައި، ޕުޓިން އާއި މުޙައްމަދު ބިން ސަލްމާންގެ މަޝްވަރާތަކުގެ ސަބަބުން، ސައުދީ އާއި ރަޝިޔާގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަަށެވެ.

- ކޮމެންޓް