ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ވާތީ، ސިވިލް ކޯޓުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން އެދިގެން ބާތިލުކޮށްފައި ވަނިކޮށް އެ މައްސަލަ އާއި މެދު ސުވާލު ކުރުމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.
ނިއުޕޯޓު ރެސްޓޯރަންޓު ހިންގި ސްޓްރާޑާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދިނުމަށް ކޮށްފައިވާ ޙުކުމް ބާތިލް ކުރީ ދައުލަތުގެ އެދުމުގެ މަތިން މި މަހު އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ދައުލަތުން މުރާޖައާ ކުރަން ބޭނުންވާ ކަމަށާއި, އެ މައްސަލައިގައި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކުރަން އެދޭ ކަމަށެވެ. ނިއުޕޯޓް ރެސްޓޯރަންޓަކީ ޕީއެންސީގެ ސެނެޓަރު ޒާހިދު ރަމީޒުގެ މަސްލަހަތު އޮންނަ ތަނެކެވެ.
މި މައްސަލަ އާއި ގުޅިގެން ބަންޑާރަނައިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން އެވެ. އޭނާ ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ މި މައްސަލަ ދައުލަތުގެ ފަރާތުން މުރާޖައާކުރުމަށް ބޭނުންވުމުގައި، ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އަދި ފެންނަނީ ދައުލަތަށް ލިބެން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރުދަކަށް (ޒާހިދު އަށް) ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ދޭތަން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށް، އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ވެސް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާކަން މެމްބަރު އަބްދުއްރަހްމާން ފާހަގަ ކުރައްވާފައި ވެއެވެ. އެހެން ކަމުން ޙުކުމް ތަންފީޒް ނުކޮށް، އަހަރެއް ހޭދަ ވުމަށް ފަހު ވެސް އެ ނިންމުން ތަންފީޒް ކުރުމުގެ ބަދަލުގައި، މައްސަލަ ބާތިލް ކުރަން ބަންޑާރަނައިބުގެ އޮފީހުން އެދުނު ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށް މެމްބަރު އަބްދުއްރަހްމާން ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހްމާން އިޝާރާތްކުރައްވާފައިވާ މައްސަލަ އަކީ ބިމާއި އިމާރާތް ކުއްޔަށް ދިނުމާއި ބެހޭ މައްސަލަ އެކެވެ. ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ދިވެހި ދައުލަތުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންނެވެ.
މިއީ އެ ވުޒާރާ އާއި ސްޓްރާޑާ ކުންފުންޏާއި އެކު 2016 ވަނަ އަހަރު ބްރިޖް ވިއު ޕްލެޓް ފޯރމާއި ފުޑް އައުޓްލެޓް ތަރައްޤީ ކުރުމަށްވީ އެއްބަސްވުމާއި އެއްގޮތަށް، ސްޓްރާޑާ އިން ކުއްޔާއި ޖޫރިމަނާ ނުދައްކާތީ އެއްބަސްވުން ބާތިލްކުރުމަށް ފަހު، އެ ބިން އަނބުރާ ދައުލަތާ ހަވާލުކުރުމަށް އެންގުމަށާއި، އެތަނަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
2019 ވަނަ އަހަރު ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ އެ ބިން ސެޕްޓެމްބަރ 26 އިން ފެށިގެން 15 ދުވަސް ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި، 1،149،271 (އެއް މިލިއަން އެއް ލައްކަ ސާޅީސް ނުވަ ހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ) އަދި ބިން ހަވާލު ކުރުމާ ހަމައަށް އަރާ ކުއްޔާއި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކާ ޚަލާސްކުރުމަށެވެ. އެ ޙުކުމް ހައިކޯޓުން ދަމަހައްޓާފައި ވަނީ 11 އޮކްޓޯބަރ 2021ގައެވެ. އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔުމުން ވެސް އެޕްރީލް 24، 2024 ގައި ދަށު ކޯޓުގެ ހުކުމް ވަނީ ދަމަހައްޓައިފަ އެވެ.
ބްރިޖް ވިއު ޕްލެޓް ފޯރމާއި ފުޑް އައުޓްލެޓް ތަރައްޤީ ކުރުމަށް ޒާހިދުގެ މަސްލަހަތު އޮންނަ ސްޓްރާޑާ ކުންފުންޏާއި ހަވާލުކުރީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރކަމުގަ އެވެ. އެހެންކަމުން މި ވެރިކަމުގައި ބަންޑާރަނައިބު އެދިވަޑައިގެން މި މައްސަލައިގެ ޙުކުމް ތަންފީޒްކުރުން ބާތިލްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ޒާހިދު އަކީ މިހާރު ވެސް މި ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ދިފާއުކޮށް ވާހަކަދައްކަވަމުންދާ ފަރާތެކެވެ.