ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް އަތުލުމުގެ މައްސަލައެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމް ދަށުން ފްލެޓް ދީފައިވާ ގޮތާ ގުޅޭ ގޮތުން އާއްމު ފަރާތެއްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްމަށްފަހު ރާއްޖެޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައިފް ވިދާޅުވީ 4000 ފްލެޓާއި ގުޅޭ މައްސަލަތައް މާލެ ސިޓީ ކައުންސިލްގެ ކިތަންމެ ޖަލްސާއަކަށް އެޖެންޑާ ކޮށްގެން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން މިކަމާ ގުޅުންހުރި ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް ސައިފް ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސައްހަ އެގްރީމެންޓެއް އޮއްވައި ފްލެޓް ނުލިބޭނެ ކަމުގެ ލިޔުން ފޮނުވަމުންދާ ކަމުގެ މައްސަލަތައް ކަމުގައެވެ. މިފަދަ ކަންކަމުގެ ސަބަބުން މިހާރު ލިބިފައިވާ ފްލެޓް އެހެން ފަރާތަކަށް ދީފާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ސައިފް ވިދާޅުވިއެވެ.
ވަރަށް ގިނަ ރައްޔިތުން އެބަ ބުނޭ، ތިމަންނާމެން އަތުގަ ފްލެޓް ލިބިފައިވާ ކަމުގެ ސައްހަ އެގްރީމެންޓެއް އެބަ އޮތޭ، މި އެގްރީމެންޓް އޮއްވަ ފްލެޓް ނުލިބޭނެ ކަމަށް އަންގަމުން އެބަދެޔޭ، އަދި އެބަ އޮތޭ ބިރު ތިމަންނާމެނަށް ދީފައިވާ ފްލެޓް އެހެން ބަޔަކަށް ދިނުމުގެ، ދެން މީގަ އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވޭ މިއީ މީހަކަށް ލިބިފައިވާ އެއްޗެއް އަތުލުމާ ގުޅޭ މައްސަލައެއް ނޫން، ޔައުނީ މުޅި ސްކީމް ހުއްޓުވުމަކަށް ނޫން މި އެދެނީ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ސައިފް ފާތިހް![]()
މިއުޅެނީ މީހަކަށް ލިބިފައިފާ ފްލެޓެއް އަތުލަން ނުވަތަ މުޅި ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފްލެޓް ދޫކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިގެން ނޫންކަމަށް ފާހަގަ ކުރަށްވާ ސައިފް ވިދާޅުވީ، މި އެދެނީ ވަކި ވަކި މީހުންނަށް ދީފައިވާ ފްލެޓްތައް، އެފަރާތުން ހުށަހަޅާ މައްސަލަ ޝަރުޢީ ކޯޓަކުން ބަލައި ގޮތެއް ނިންމުމަށް ފަހު ނޫނީ އެހެން ފަރާތަކަށް އެ ފްލެޓް ހަވާލު ނުކުރުމަށް ކަމަށެވެ. އަދި އެދެނީ މި 4000 ފްލެޓް ހައްގުވާ ފަރާތްތަކަށް ލިބިގެން ދިޔުން ކަމަށް ސައިފް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 4000 ފްލެޓަށް އެދި އެޕްލިކޭޝަންތައް ބަލައިގަތީ 2022 ގެ ވަކި މުއްދަތެއްގެ ނިޔަލަށެވެ. 2022 ގައި އެޕްލައިކުރި ސްކީމަކަށް މިއަދުގެ ހާލަތަށް ރިއާޔަތްކޮށް ފްލެޓް ދޭން ވެއްޖެނަމަ ވަރަށް ގިނަބައެއްގެ ހައްގުތައް ގެއްލިގެން ދާނެކަމަށް ސައިފް ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން ކޯޓުގައި މި އެދެނީ މިގޮތައް ރިއާޔަތް ނުކޮށް ފްލެޓްތައް ހައްގުވެރިންނަށް ހަވާލު ކުރުމަށް ކަމަށް ސައިފް ވިދާޅުވި އެވެ.
ސަރުކާރުން ސިޓީ ފޮނުވައިގެން ފްލެޓް ކަންތަކުގައި ގަނޑަ ތަޅުވަމުންދާ އެތައް ބައެއްގެ މައްސަލަތައް މިހާރު ލިބެމުން އެބަދާ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ވަކި ވަކިން މި ހުރިހާ މައްސަލައެއް ކޯޓަށް ހުށަަހަޅާނެ ކަމަށްވެސް ސައިފް ވިދާޅުވިއެވެ. އަދި އަމިއްލަ ގޮތުން މައްސަލަ ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ސައިފް ފާހަގަ ކުރެއްވިއެވެ.
މިއީ ބޮޑު ނާއިންސާފަކަށް ރައްޔިތުން ހުށަހެޅުން ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށް ސައިފް ވިދާޅުވި އެވެ.