Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 06:12
ހޯޕް ޓްރެވަލްސްގެ ލޯންޗެއް - ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދައުވާކުރުމަށް ވަނީ ފޮނުވާފައި
ހޯޕް ޓްރެވަލްސްގެ ލޯންޗެއް - ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދައުވާކުރުމަށް ވަނީ ފޮނުވާފައި
ހޯޕް ޓްރެވަލްސް
ޓެކުހަށް މަކަރު ހެދުން
ހޯޕް ޓްރެވަލްސް އިން ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދައުވާކުރަނީ
ހޯޕް ޓްރެވަލްސް އިން 54 މިލިއަން ރުފިޔާގެ އާމްދަނީ ފޮރުވި
މީރާގެ ތަހުގީގުން ހާމަވި ގޮތުގައި ހޯޕް ޓްރެވަލްސްގެ ހަރަކާތް ރަޖިސްޓްރީ ނުކޮށް ހިންގައި، ލިބުނު އާމްދަނީގެ 89 އިންސައްތަ ޖީއެސްޓީ ބަޔާންތަކުގައި ހިމަނާފައެއް ނުވޭ
މައްސަލައިގައި ހޯޕް ހޯލްޑިންގްސްގެ އިތުރުން ޝަހީދު އިބްރާހީމްމަނިކު އަދި މުހައްމަދު ޢަލީގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވޭ

"ހޯޕް ޓްރެވަލްސް"ގެ ނަމުގައި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތެއް ކަމުގައިވާ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްތުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ.

މި މައްސަލައިގައި 2020 ޖުލައި 1 އިން 2023 މޭ 31 އާ ދެމެދު، ހޯޕް ހޯލްޑިންގްސް އިން ހުށަހަޅާފައިވާ ޖީ.އެސް.ޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި މަކަރު ހަދާފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީގެ ތަޙުޤީޤަށް ހޯދުނު ގޮތުގައި، ހޯޕް ހޯލްޑިންގްސް ޕާޓްނަރޝިޕް ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް، "ހޯޕް ޓްރެވަލްސް" ގެ ޙަރަކާތް ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގާފައިވެ އެވެ. އަދި މި މުއްދަތުގައި ލިބުނު ޖުމުލަ އާމްދަނީގެ 89 އިންސައްތަ ޖީ.އެސް.ޓީ ބަޔާންތަކުގައި ހިމަނާފައެއް ނުވެ އެވެ.

ތަޙުޤީޤުން ހާމަވި ގޮތުގައި، 54 މިލިއަން ރުފިޔާގެ އާމްދަނީއާއި 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖީ.އެސް.ޓީގެ ގޮތުގައި މީރާއަށް ރިޕޯޓުކޮށްފައި ނުވެ އެވެ. އަދި 2020 އަދި 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި މައްސަލައިގައި ހޯޕް ހޯލްޑިންގްސްގެ އިތުރުން، ވިޔަފާރީގެ ޕާޓްނަރ ޝަހީދު އިބްރާހީމްމަނިކު އަދި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވި މުޙައްމަދު ޢަލީގެ މައްޗަށްވެސް ދަޢުވާކުރުމަށް މީރާއިން ވަނީ ހުށަހަޅާފަ އެވެ.

މީރާއިން ބުނާ ގޮތުގައި، ޓެކުހާ ގުޅޭ މިފަދަ ކުށްތައް ކުރާ ފަރާތްތަކާމެދު "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ.

- ކޮމެންޓް