ސަރުކާރުން އަމިއްލަ ވިޔަފާރިތައް ލައްވައި ކުރުވި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން ކަމަށް ބެލެވޭ ކަމަށް މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މީރާއަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިގުތިސޯދީ ކޮމިޓީއަށް ވެސް މިހާރު ވަނީ ފޮނުވާފަ އެވެ.
ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހެޅި މި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބޭ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުން ހިމެނެ އެވެ.
ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ގޮތުގައި މީގެ ކުރިން ޖަލަށްލައި ޖޫރިމަނާއެއް ނުކުރެ އެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.
މިކަމާއި ގުޅުވައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ކަން އޮތްގޮތަށް ދަންނަވާއިރު، މިއީ ޓެކްސް އޮތޯރިޓީގެ ކޮމިޝަނަރުގެ މައްސަލައެއް ނޫން ކަމަށާއި މިއީ ސަރުކާރުގެ މައްސަލައެއް ކަމަށެވެ. އެގޮތުން ސަރުކާރުން މިކަން މި ކުރަނީ ސީދާ ސަރުކާރަށް ފައިސާ ބޭނުން ވެގެން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ ސަރުކާރުން އުޅެނީ ގަދަކަމުން ފެލާލައިގެން ވެސް ރުފިޔާ ނެގޭތޯ ކަމަށާއި އެއީ ފަހަރެއްގައި ޓެކްސް އޮތޯރިޓީގެ ކޮމިޝަނަރުގެ މައްސަލައެއް ނޫން ކަމަށެވެ.
ތީގެ ވާގޮތަކީ ކަން އޮތްގޮތަށް ދަންވަން ޖެހޭނީ. މިހާރު އަޅުގަނޑުމެންގެ މި ޕްރޮގްރާމު އަޑު އަހާފަ، ޒަރީރު އޮފީހަށް ދަނިކޮށް އޭނަގެ ގައިގަ ހިފައިގަންނާކަން އަޅުގަނޑަކަސް ނުފެނޭ. ސަބަބަކީ އޭނާ އަކީ މީރާގެ ކޮމިޝަނަރ. ހަގީގަތު މި ޒަރީރުގެ މައްސަލައަކަށް ވުރެ ބޮޑަށް، މިއުޅެނީ ސަރުކާރުން ރުފިޔާ ބޭނުން ވެގެން. އަނެއްހެން ގަދަކަމުން ވެސް ފެލާލައިގެން ރުފިޔާ ނެގޭތޯ މިއުޅެނީ. އެއީ ޓެކްސް ކޮމިޝަނަރުގެ މައްސަލައެއް ނޫންތާ. ކޮމިޝަނުގައި ހުންނަ ބޭފުޅެއް ވެއްޖެެއް ހަމަ ގާނޫނުގަ އޮތްގޮތަށް މަސައްކަތް ކުރައްވާނީ
މާލީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު![]()
ޒަރިޔަންދު ވިދާޅުވީ ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ 60 ވަރަކަށް އިސްލާހުގައި މައިގަނޑު ގޮތެއްގައި ޓެކްސްގެ ނިޒާމެއް އިދާރީ ގޮތުން ބަލަހައްޓަން ވަރަށް ރަނގަޅު އިސްލާހުތަކެއް އެބަ ހުރި ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ މި އިސްލާހުތަކުގެ ތެރެއިން ގިނަ ކަންކަން ރަނގަޅުވި ނަމަވެސް އޭގެތެރެއިން ޖަލައްލުމުގެ އިސްލާހު އައިސްފައި މިވަނީ ރައީސް އޮފީހުގެ މޭޒުދަށުން ކަމަށް ބެލެވޭ ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ ޖުމުލަގޮތެއްގައި މުޅި ސިސްޓަމަށް ބަލާއިރުގައި ރާއްޖޭގައި ޓެކްސް ކަލެކްޓް ކުރަން އެހާ އުނދަގު ނުވާނެ ކަމަށާއި އެކަން އެގޮތަށް އެ ދިމާވަނީ ބައެއް ވިޔަފާރިތަކުގެ އެއްބާރލުން ކުޑަ ވުމުން ކަމަށެވެ. އެހެން ނަމަ ވެސް އެގޮތަށް ވި އެކަން އޮތް ނަމަވެސް މީރާއަށް އެކަން ކުރެވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ މިހާރު އޮތް ގާނޫނުގައި ވެސް ޓެކްސް ކަލެކްޓް ކުރުމަށް ވަރަށް ގިނަ ގޮތްތަކެއް ކޯޓުމަރުހަލާތަކާއި އެހެނިހެން ގޮތްގޮތުން ފަހިކޮށްދީފައިވާ ކަމަށެވެ.