ސްޕެއިން އާއި ޕޯޗުގަލް ގައި ހިނގަމުންދާ ގުދުރަތީ އަލިފާނުގެ ހާދިސާތަކުން އެ ގައުމުތަކުގައި ބިރުވެރިކަން ފެތުރިއްޖެ އެވެ.
މި ދަނޑިވަޅުގައި ސްޕެއިންގެ މޫސުމާބެހޭ އިދާރާއިން ވަނީ އިތުރު އަލިފާނުގެ ހާދިސާތަކުގެ ނުރައްކާ "ވަރަށް މަތިން, އެންމެ މައްޗަށް" އޮތްކަމަށް އިންޒާރު ދީފައެވެ.
އަނެއްކޮޅުން، ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑީ ސޫސާ ވަނީ އިރުމަތީ ސަރަހައްދުގެ ގުއާޑާ ޓައުން ގެ ކުރީގެ މޭޔަރު، ކާލޮސް ޑަމާސޯ އަލިފާން ނިއްވުމުގައި މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައިވާ ކަމަށް އިއުލާނު ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ޕޯޗުގަލް ގެ ރައީސް ވަނީ އޭނާގެ ޗުއްޓީ ކުރުކޮށްލައްވައި، ނޭޝަނަލް އިމަރޖެންސީ އެންޑް ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މިހާތަނަށް އެތައް ހާސް އަލިފާން ނިއްވާ މީހުން ވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ.
ޕޯޗުގަލުން ވަނީ، ސްޕެއިން އެކޭ އެއް ގޮތައް ޔޫރަޕިއަން ޔޫނިއަންގެ މަދަނީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެ ޔޫނިއަންގެ އެހީތެރިކަމަށް އެދިފައެވެ. އެ ގޮތުން ހޯމަ ދުވަހާ ހަމައަށް ބޭނުން ކުރުމަށް އަލިފާން ނިއްވާ 4 މަތިންދާ ބޯޓަށް އެދިފައި ވެއެވެ.ސްޕެއިން ގައި މިހާތަނަށް ވަނީ 3 މީހުން މި އަލިފާނުގެ ހާދިސާތަކުގައި މަރުވެފައެވެ. މީގެ ތެރޭގައި ކާސްޓިލް އެންޑް ލިއޯން ސަރަހައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު 30 އަހަރުގެ ދެ ވޮލަންޓިއަރުން ހިމެނެއެވެ.
ސްޕެއިންގެ ގިނަ ސަރަހައްދު ތަކުގައި އިންތިހާ އަށް ހޫނު ގަދަވެފައިވާތާ މިހާރު ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ހުކުރު ދުވަހު މި ހޫނުގެ ރާޅު ވަނީ މިހާތަނަށް ސަލާމަތުން އޮތް ކަންޓަބްރިއާ އަށް ވެސް ފޯރާފައެވެ. ގައުމުގެ މޫސުމާބެހޭ އިދާރާ އިން ބުނާ ގޮތުގައި، މި ސަރަހައްދުގެ ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ސްޕެއިންގެ އަލިފާނުގެ ހާދިސާތަކުގެ މޫސުމުގައި މިހާތަނަށް 157,501 ހެކްޓަރު ބިން ވަނީ އަލިފާނުގެ ތެރެއަށް ގޮސްފައެވެ. ނަމަވެސް މިއީ 2022 ވަނަ އަހަރު އަލިފާނުގެ ތެރެއަށް ދިޔަ 306,000 ހެކްޓަރަށް ވުރެ މަދު އަދަދެކެވެ. ފްރާންސް އިން ވަނީ އިރުއުތުރު ސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެހީތެރިވުމަށް އަލިފާން ނިއްވާ ދެ މަތިންދާބޯޓު ފޮނުވާފައެވެ.