Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 05:51
ރަޝިޔާގެ ރައީސް ޕުޓިން
ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް
ޔޫރަޕުގައި ޕުޓިން އަށް އޮތް ހަމައެކަނި ޖާގަ އަކީ ނެދަލެންޑްސްގެ ވެރި ރަށް ދަ ހޭގްގައި ހުންނަ އައިސީސީގެ ޓްރައިބުނަލް ކަމަށް އޭނާ ވިދާޅުވި

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން، ހަންގޭރީ އަށް ވަޑައިގަންނަވާ ނަމަ، އެއީ ރީތި ކަމެއް ނޫން ކަަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެއްޖެ އެވެ.

ކާޖާ ކަލާސް މިހެން ވިދާޅުވެފައި ވަނީ ޕުޓިން ހަންގޭރީ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. އެއީ ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ބާއްވާ ސަމިޓަށެވެ. ޓްރަމްޕް އާއި ޕުޓިންގެ ދެ ވަނަ ސަމިޓު ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަނީ ހަންގޭރީގެ ވެރި ރަށް ބުޑަޕެސްޓުގަ އެވެ.

ލަކްޒަމްބާގްގައި އޮތް ޔޫރަޕުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކާޖާ ކަލާސް ވަނީ، ބުޑަޕެސްޓުގައި ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ވާހަކަ އަށް ރައްދު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާގެ މޭޒު ދޮށަށް ރަޝިޔާ ގެނައުމަށް އެމެރިކާ އަށް ބާރު އެޅޭނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރެވޭ ނަމަ، އެއީ ރަނގަޅު ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާ އެކު ވެސް ޕުޓިން ބައްދަލު ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން، ޕުޓިންއާ ދެކޮޅަށް އަމުރެއް ނެރެފައިވާއިރު، ހަންގޭރީ އަކީ އައިސީސީ އިން ވަކިވާން ނިންމާފައިވާ ޤައުމެކެވެ. އެކަމާ ގުޅޭ ގޮތުން ލިތުއޭނިއާގެ ފޮރިން މިނިސްޓަރު ކެސްޓުޓިސް ބުޑްރިސް ވިދާޅުވެފައި ވަނީ، ޔޫރަޕުގެ އެއްވެސް ޤައުމެއްގެ ވެރި ރަށުގައި ޕުޓިން އަށް ޖާގަ ނޯންނާނެ ކަމަށާއި، އެ ޖާގަ އޮވެގެން ވެސް ނުވާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ޔޫރަޕުގައި ޕުޓިން އަށް އޮތް ހަމައެކަނި ޖާގަ އަކީ ނެދަލެންޑްސްގެ ވެރި ރަށް ދަ ހޭގްގައި ހުންނަ އައިސީސީގެ ޓްރައިބުނަލް ކަމަށެވެ. ޕުޓިން އާ މެދު ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި އޭނާ ވިދާޅުވީ، އެއްވެސް ޤައުމެއްގެ ވެރި ރަށެއްގައި ޕުޓިން އަށް ޖާގަ ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ކާޖާ ކަލާސް ވިދާޅުވެފައި ވަނީ ރަޝިޔާގެ މައްޗަށް ތަންފީޒު ކުރަން މަޝްވަރާ ކުރަމުން އަންނަ 19 ފިޔަވަޅު މި ހަފުތާގެ ތެރޭގައި ފާސް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ހޯމަ ދުވަހު އެކަން ނުވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ޓްރަމްޕް އާއި ޕުޓިންގެ ފުރަތަމަ ސަމިޓު ބާއްވާފައި ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެމެރިކާގެ އެލަސްކާގައި އެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް، އެ ބައްދަލުވުން ނިމުނުއިރު އެ ފަދަ އެއްބަސްވުމެއް ޤާއިމު ކުރެވިފައި ނުވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް