ފްރާންސްގެ ޔަހޫދީ ޒުވާނެއްގެ ހަނދާނުގައި އިންދާފައި ހުރި، ހަނދާނީ ގަހެއް ކަނޑާލުމުން ފްރާންސްގެ ބޮޑު ވަޒީރު ފްރާންސުއާ ބައިރޫ ނުރުހުން ފާޅު ކުރައްވައިފި އެވެ.
މިއީ 2006 ވަނަ އަހަރު ފްރާންސްގައި މަރާލި ޔަހޫދީ ޒުވާނެއްގެ ހަނދާނުގައި އިންދާފައި ހުރި ގަހެެކެވެ. އެ ގަސް ކަނޑާލުމާ އެކު ބޮޑު ވަޒީރު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެކަމަކީ ޔަހޫދީންނާ ދެކޮޅަށް ހިންގާފައިވާ ނަފުރަތު އުފެެއްދުމުގެ އަމަލެއްގެ ގޮތުގައި ބޮޑު ވަޒީރު ވަނީ ސިފަ ކުރައްވައިފަ އެވެ.
އެޕިނޭ-ސުރު-ސެއިންގައި 2011 ވަނަ އަހަރު އިންދާފައިވާ އޮލިވް ގަސް ކަނޑާލާފައި ވަނީ ބުދަ ދުވަހުގެ ރޭ އާއި ބުރާސްފަތި ދުވަހުގެ ރޭގެ ދެ މެދުގައި ކަމަށް ބުނެފައިވެ އެވެ. އެ ގަސް އިންދާފައި ވަނީ އިލާން ހަލީމީ ނަމަކަށް ކިޔާ ޒުވާނެއްގެ ހަނދާނުގަ އެވެ. އުމުރުން 23 އަހަރުގެ އެ ޒުވާނާ އަކީ 2006 ވަނަ އަހަރުގެ ތެރޭގައި ޒުވާނުންގެ ގުރޫޕަކުން ވަގަށް ނަގައި، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔަހޫދީ ޒުވާނެކެވެ.
އެކަމާ ގުޅިގެން ފްރާންސްގެ ބޮޑު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އިލާން ހަލީމީގެ ހަނދާން އައު ކުރުމުގެ ގޮތުން އިންދާފައިވާ ގަސް، ޔަހޫދީންނާ ދެކޮޅު ނަފުރަތުގެ ސަބަބުން ކަނޑާލާފައިވާ ކަމަަށެވެ. އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ މޭޔަތު ހަރުވޭ ޝެވްރޯ ވަނީ އެ މައްސަލަ ބެއްލެވުމަށް ހުށަހަޅުއްވައިފަ އެވެ.
ފްރާންސްގެ ވެރި ރަށް ޕެރިސްގެ ފުލުހުންގެ ޗީފް ލޯރަން ނޫނޭޒް ބުނެފައި ވަނީ، ކޮންމެ ބަޔަކު ނަމަވެސް ހިންގާފައިވާ އެ ދަށު ދަރަޖައިގެ އަމަލު ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ބަޔަކު ހޯދާނެ ކަމަށާއި، އެއަށް ފަހު އެ މީހުންނާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަލީމީ ވަގަށް ނަގައި މަރާލި މައްސަލައިގައި އެ ގުރޫޕުގެ އިސް ލީޑަރުގެ ގޮތުގައި ހުރި ޔޫސުފް ފޮފާނާ އަށް ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އެ މައްސަލަ އަކީ ޔަހޫދީންނާ ދެކޮޅު ކުށެއް ކަމަށް ފުލުހުން ފުރަތަމަ ޤަބޫލު ކޮށްފައި ނުވާތީ، އޭރު އެކަމާ ދެކޮޅަށް ވަނީ ގިނަ ބަޔަކު މަގު ތަކަށް ނިކުމެ މުޒާހަރާ ވެސް ކޮށްފަ އެވެ.
ފްރާންސްގެ ޔަހޫދީ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫވަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާ އަށް ފަހު، ފްރާންސްގައި ޔަހޫދީންނާ ދެކޮޅު އަމަލުތައް ވަނީ އިތުރުވެފަ އެވެ.