ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ 20 އަހަރު ފަހަތަށް ސޮއްސާލައިފި ކަމަށް ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ އެތަކެއް ކައުންސިލަކުން ދެކޮޅު ހަދަމުން ދަނިކޮށް ގާނޫނަށް ގެނައި މި ބަދަލުގެ ސަބަބުން ޖުމްލަ ގޮތެއްގައި މުޅި ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑި ކައުންސިލް ތަކަށް އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ކެނޑިގެންދާނެ ކަމުގައެވެ. އަދި މިއީ ސީދާ ގޮތެއްގައި ރައްޔިތުންގެ ބާރު ކަނޑުވާކުން ކަމަށް މޭޔަރު ސައުދު ވަނީ ސިފަ ކުރައްވާފައެވެ.
ފެނިގެންމިދަނީ މާލޭގަ ފިނި ކޮޓަރި ތަކުގައި ތިއްބަވާ ބަޔަކު ބޭނުންވާ ބަޔަކު ބޭނުންވާހާ ގޮތަކަށް ކަން ކަން ނިންމަން ކައުންސިލްތަކަށް މަޖުބޫރު ކުރުވާ މަންޒަރު ކަމަށްވެސް ސައުދު ވިދާޅުވެފައި ވެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ރައްޔިތުންގެ ބަސް އިއްވަން ކައުންސިލްތަކަށް ވަރަށް ދަތިވާނެ ކަމަށް ސައުދު ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މި ނިންމި ނިންމުމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކާ ނިންމި ނިންމުމެއް ކަމަށް ސައުދު ވަނީ ތުހުމަތު ކުރައްވާފައެވެ.
ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް މި ނިންމި ނިންމުމަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކާ ނިންމި ނިންމުމެއް
ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ![]()
މީގެ އިތުރުން ސައުދު ވަނީ ތިނަދޫގައި ކުރީ ސަރުކާރުން މަސައްކަތް ފަށާފައިވާ މަސައްކަތްތައް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ތިނަދޫ ދެކުނު ފަރާތުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު އެއްކޮށް ހުއްޓި، އަދި އެކަމަށް ގެނެސްފައިވާ ހިލަތައް މިހާރުގެ ސަރުކާރުން އެރަށުން ބާލައިފައިވާކަން ސައުދު ވަނީ ފާހަގަ ކުރައްވާފައެވެ.
ތިނަދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް 2026 ކުރިން ނިންމަވާ ދެއްވުމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވީނަމަވެސް، މިއަދާ ހަމަޔަށް އައި އިރުވެސް މިކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި ސައުދު ވިދާޅުވެފައި ވެއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގިނަ ރައްރަށުގެ ތަރައްގީއަށް ފަށާފައިވާ ގިނަ މަސައްކަތްތަކެއް ހުުއްޓިފައިވާކަން ފާހަގަ ކުރެވެއެެވެ. ނަމަވެސް މަސައްކަތްތައް ހުއްޓިފައިފާ ސަބަބުތައް ކިޔާދިނުމަށް މިސަރުކާރުން ވަނީ ނުކުޅެދިފައެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކި ފަހަރު ވާހަކަ ދައްކަވަނީ އެކި ގޮތަށެެވެ.