Advertisement
ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 12:48
ރައީސް ޑރ. މުހައްމަދު މުއިއްޒު މާޅޮހު ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މާޅޮހު ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ބ. މާޅޮސް
މާޅޮހު ގައި ކުރިއަށް ދާ އައު މަޝްރޫއެއް ނެތް، ކައުންސިލުން ގިނަ ކަންކަން ހުށަހެޅުމުން ރައީސް ވިދާޅުވީ ބައްލަވާނެ ކަމަށް
މަޅޮހު ކައުންސިލުން ބަނދަރާއި، ކަރަންޓް ޚިދުމަތް ރަނގަޅުކުރުމާއި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެދިވަޑައިގެންނެވި
ކައުންސިލުން ހުށަހެޅި ކަންކަމަށް ރައީސް ވަކި ޔަގީންކަމެއް ދެއްވާފައިނުވޭ

ބ. މަޅޮހު ކައުންސިލުން ހުށަހެޅުއްވި ކަންކަން ބައްލަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. މާޅޮހަށް ބުރާސްފަތި ދުވަހުގެ ހެދުނު ވަޑައިގެން އެރަށު ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މާޅޮހު ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމާއި މިހާރު ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ މަތިކޮށް، އަދި އިންޖީނުގެ ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާކަން ހިމެނެއެވެ. އަދި މާޅޮހުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުންދާއިރު ލޭންޑް ޔޫސް ޕްލޭންގައިވެސް އެކަމަށް ޖާގަ ދެވޭނެކަމަށާއި، އެހެންކަމުން ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޒުވާނުންނަށް، ކުޅިވަރުގެ ވަޞީލަތްތައް ތަރައްގީ ކޮށްދިނުމަށް ސަރުކާރުން މާޅޮހުގައި ކުރައްވަމުންގެންދަވާ މަސައްކަތްތައް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަށުގެ ފުޓްބޯޅަ ދަނޑުގެ އެންމެހާ މަސައްކަތް އެކުގައި ނިންމޭނެހެން ކުރިއަށް ގެންދަވަން ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ރަށުގެ ތައުލީމު ކުރިއެރުވުމަށް، އުމުރާނީ ތަރައްޤީގެ އެއްވެސް ކުރިއެރުމެއް ނުލިބޭތާ 15 އަހަރު ފާއިތުވެފައިވާ ކަމަށާއި މިކަމަށް ބަދަލެއް އަންނާނެކަމަށް އުންމީދު ކުރައްވާކަން ކައުންސިލްގެ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލްގައި މިވަގުތަށް އެންމެ ދަތިވާ ކަމަކީ މަލްޓިޕަރޕަސް ހޯލެއް ނެތުންކަމަށާއި މީގެއިތުރުން ސްކޫލްގެ ސަޓާފްރޫމްގެ ދަތިކަމާއި އޮފީސް އިމާރާތެއް ބޭނުންވާކަންވެސް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައިވެއެވެ.

ކައުންސިލުން ގިނަ ކަންކަން ހުށަހެޅުއްވި ނަމަވެސް އެރަށުގައި މިވަގުތު ސަރުކާރުން ކުރިއަށް ގެންދާ އައު ޕްރޮޖެކްޓެއް ނެތެވެ. އަދި ކައުންސިލުން ހުށަހެޅި ކަންކަމާއި ގުޅިގެން ރައީސް ވިދާޅުވީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ބައްލަވާނެ ކަމަށެވެ. ކައުންސިލުން ހުށަހެޅި ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަމެއް މި ބައްދަލުވުމުގައި ދެއްވާފައި ނުވެއެވެ.

- ކޮމެންޓް