ކައުންސިލްތަކުގެ ބާރުކަނޑުވާލަށް މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރުމަށް ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު، ރައީސް މުއިއްޒުއަށް ގޮވާލައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ދޮންފަނަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް މުއިއްޒުއަކީ ރައްޔިތުންގެ އަޑުއަހާ ސަރުކާރުގެ ނިންމުންތަކަށް ބަދަލުގެންނަވާ ވެރިއެއްކަން ސަރުކާރުގެ ދޮޅުއަހަރު ތެރޭގައި ފެނިފައިވާ ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުއްމީދަކީ ލާމަރުކަޒީ މާލި ބާރުވެރިކަން ކަމަށެވެ. އަދި އެއީ ކައުންސިލް އިމާރާތަކަށްވުރެ މާ މުހިންމު ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް އިސްލާހުތަކާމެދު ކަންބޮޑުވާ ކަަމަސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވަނީ ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރުމަށް ރައިސް މުއިއްޒުގެ ކިބައިން އަދަބުވެރިކަމާއެކު އެދިވަޑައިގެންނެވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ތަރައްގީއަކީ ތިމާވެށި ރައްކާތެރިކޮށްގެން ހޯދޭނެއެއްޗެއް ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަކީ ރާއްޖޭގެ ކުދި ޖަޒިރާވަންތަކަން އެންމެ ބޮޑަށް ފެންނަ އެއް ރަށްތައް ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ޖަޒީރާވަންތަ އިހުސާސްތައް ނުގެއްލޭގޮތަށް ކުރިއަށް ދިއުމަކީ ވިސްނުންކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ރަށުގެ ގުދުރަތީ ރިތިވެށިން ރަށުގެ ރީތިކަން ނުގެއްލޭނެ ފަދަ ގޮތަކަށް ޕްރޮޖެކްޓްތައް ޑިޒައިން ކުރެވިގެންދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.