ބ، ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައި ދެއްވައިފިއެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަން ނުޖެހޭ ގޮތައް ބޭންކުން ރަށްރަށުގައި ބަހައްޓަމުންދާ އޭޓީއެމް މެޝިން ތަކަކީ މީގެ ކުރިން ބޭންކް ފެންވަރު ގައި ޚިދުމަތް ފަށަމުން އައި ކަމެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވެރިކަމުގައި އޭޓީއެމް މެޝިން ބެހެއްޓުމާއި މެޝިންގެ ޚިދުމަތް ފެށުން ވެފައިވަނީ ގައުމީ އެންމެ މަތީ ފެންވަރުގައި ކުރިއަށް ގެންދާ ކަމަކަށް ވަނީ ބަދަލުވެފައެވެ.
ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުއިއްޒު ވަނީ ބުދަ ދުވަހު ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މި ދަތުރުފުޅުގައި ސޮއި ކުރެވުނު ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢު ނިމުމާއެކު ރަށުގެ ތަޢުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްސަލަ ޙައްލުކުރަން އިތުރު މަސައްކަތްތައް ކުރަން އެބަހުރިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން، ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓުކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކިހާދޫ އިންޖީނުގެ ހުރި ތަން ބަދަލުކުރުމުގެ މަސައްކަތާއި، ފެނަކައިގެ އާ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށް ވިދާޅުވިއެވެ.
މި އަހަރު އެ ރަށަށް އެމްބިއުލާންސް ހޯއްދަވައިދެއްވައި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އަންނަ އަހަރު ކުރިއަށްގެންދަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.