ރަށުކައުންސިލު ތަކަށްވުރެ ދައުލަތުގެ ވުޒާރާތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް އެތައްގުނައެއް އިތުރު ކަމަށް ބ.ކިހާދޫ ކައުންސިލުގެ ރައީސް ހުސެން ޝާފިއު ވިދާޅުވެއްޖެއެވެ. ޝާފިއު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު ބުދަ ދުވަހު ބ.ކިހާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަގައެވެ.
ޝާފިއުވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުން ފެންނަންހުރި ތަފާސް ހިސާބުތަކަަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކައުންސިލްތަކުން ވޭތުވެދިޔަ ހަތަރު ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 5 މިިލިޔަނަށްވެސް ނާރައެވެ. އަދި މިއީ ދައުލަތުގެ އެހެން އިދާރާތަކުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގެއްލުނު ފައިސާއާ ބަލާފަ %0.001 އަށްވުރެ ކުޑަ އަދަދެކެވެ.
މީގެ އިތުރުން ކައުންސިލްތަކުން ތަޖުރިބާ ހޯދުމަށް ކުރާ ދަތުރުތަކަކީ ބޭކާރު ހަރަދުތަކެއް ކަމަށް ވިދާޅުވެ ސަރުކާރުގެ އިސް ވެރިންނާއި މަޖްލިސް މެމްބަރުން ތަކުރާރުކޮށް ދައުލަަތުގެ މީޑީޔާ މެދުވެރިކޮށް ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއްކަމަށް ފާހަގަ ކުރައްވާ ޝާފިއު ވިދާޅުވީ ރަށު ކައުންސިލް ތަކުންވެސް ރާއްޖޭގައި އަދި ރާއްޖޭއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަށް ބައްޓަންކޮށްފައިވާ ހިދުމަތްތަކާއި އެތަންތަނުގެ ހަރުދަނާ އިގްތިސާދުތައް ހިނގާ ގޮތް ބަލާ ދަސްކުރަަން ޖެހޭކަމަށެވެ. އެއީ ހަމަކަނި މާލޭގައި ގާއިމު ވެފައިވާ ވުޒާރާތަކުގައި ތިބި މީހުންނަށް އެކަނި ފެންނަންޖެހޭ މަންޒަރެއް ނޫންކަމުގައިވެސް ޝާފިއު ވިދާޅުވިއެވެ.
ޝާފިއުގެ ވާހަކައިގައިވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަކީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދުތަކާ ކުޅުންކަމުގައި ނަހައްދަވާ ސަރުކާރަށް ލިބިފައިވާ މަޖިލީހުގެ ސުޕަރމެޖޯރިޓީގެ ބޭނުން މާނަވީ ގޮތެއްގައި ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެފަދަ ގޮތަކަަށް ކުރެއްވުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުން ކައުންސިލް ތަކުގެ ހިންގުމަށް ބުރޫއަރާ ގޮތަށް ފާސް ކޮށްފައިވާ ބިލު ތަސްދީގުނުކޮށް ދެވަނަވިސްނުމަކަށް ދިޔުމަށްވެސް ޝާފިއުވަނީ ރައީސް އަށް ދަންނަވާފައެވެ.