ބ. ކިހާދޫގައި ބޮޑު ޚަރަދެއް ކޮށްގެން އިމާރާތްކޮށްފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އާއި ހަވާލުވާނޭ ފަރާތެއް ނެތި ވީރާނާވަމުންދާތީ އެ މައްސަލައާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ހާމަކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ޓިވެކް ސެންޓަރާއި ހަވާލުވާނޭ ފަރާތެއް ނެތި އެތަން ވީރާނާވަމުން ދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ތައްޔާރުކުރި ޕެޓިޝަން ރައީސް މުއިއްޒަށް ހުށަހަޅާފައި ވަނީ ބުދަ ދުވަހު އެމަނިކުފާނު ކިހާދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލުގެ ފަރާތުންނެނެވެ.
ކިހާދޫގައި އިމާރާތްކުރި މި ޓިވެކް ސެންޓަރަކީ ކިހާދޫ ކައުންސިލުން ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ޓަކައި އިމާރާތްކުރި ސެންޓަރެއް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އަދި މި ސެންޓަރަކީ ރަށުގައި ތިބެގެން ރައްޔިތުންނަށް އެކިކަހަލަ ކޯސްތަކާއި ތަމްރީނުތަށް ވެސް ހެދޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރެއް ކަމަށް ވެސް ކިހާދޫ ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ ޓިވެކް ސެންޓަރުގައި ކޯސްތަކާއި ތަމްރީނުތައް މީގެ ތިންވަރަކަށް އަހަރު ކުރިން ވަރަށް ރަނގަޅަށް ހިންގި ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން އެ ސެންޓަރަށް ކޯސްތައް ކިޔަވަންވެސް އަންނަމުން ދިއަކަމަށެވެ. އެގޮތުން އެތަނަށް އެހެން ރަސްރަށުން ކިޔަވަން އަންނަ ކުދިންނަށް ތަނުގައި ހުރުމާއި ކެއުންފަދަ ކަންކަން ވެސް ހަމަޖައްސާދެމުން އައީ މުޅިން ހިލޭ ކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.
ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވީ ޓިވެކް ގައި ކިޔަވައިދިނުން ހުއްޓުމަކަށް އައީ ނިމިގެން ދިއަ އަހަރުގެ ޖޫން މަހުގައި ކަމަށާއި އޭގެ ފަހުން މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވެފައިވާ ކަމަށެވެ.
ޝާފިއު ވިދާޅުވީ ޓިވެކް އިމާރާތުގައި ކޯސްތަކާއި ތަމްރީނުތައް އަލުން ފެށުމަށް ތަކުރާރުކޮށް ހަޔަރ އެޑިއުކޭޝަނާއި ވާހަދައްކަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ހަޔަރ އެޑިއުކޭޝަނުން އަދިއަދަށް ވެސް އެކަމަށް އިޖާބަދީފައި ނުވާކަމަށް ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ އެ ސެންޓަރު ހަވާލުކުރުމަށް ބޭނުންވަނީ ހަޔަރ އެޑިއުކޭޝަނާއި ކަމަށާއި އެކަން ކުރައްވާނޭ ކަމަށް އެ ބޭފުޅުން ވެސް ވިދާޅުވެފައިވީ ނަމަވެސް އަދި ވެސް އެކަން ވަކިގޮތަކަށް ހަމަނުޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.
އެގޮތުން މިއަދާއި ހަމައަށް ވެސް ޓިވެކް ސެންޓަރުގެ ކަންކަން ވަކިގޮތަކަށް ނިމިފައި ނުވާތީ ރައީސް އާއި އެކު ކައުންސިލުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވެސް އެކަމުގެ ކަންބޮޑުވުން ހުށަހަޅާފައިވާ ކަމަށާއި އެކަން ރައީސް މުއިއްޒާއި ހިއްސާކުރީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އެކަމުގައި އޮތުމުން ކަމަށް ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ ޓިވެކް ސެންޓަރު މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ރަށުގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ރައީސްއަށް ހުށަހެޅުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ޕެޓިޝަނާ ހަވާލުނުވަން ރައީސް އުޅުއްލި ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި އެންމެ ފަހުން ޕެޓިޝަން ހަވާލުކުރެވުނީ ރައީސް ފުރާވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަށް ތައްޔާރުވި ވަގުތު އެތަނަށް ގޮސްގެން ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.