ފޭކް ޕްރިންސެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ، ފަހަދު އަލް ސައުދު ރާއްޖެ ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިނުވީ، ރައީސް މުއިއްޒު ދައުވަތު ދެއްވާފައި ނުވާތީ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ބުދަދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ އާއްމު ގޮތެއްގައި ރަސްމީ ކަމެއްގައި ރާއްޖެ ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅެއް ނިސްބަތްވާ ގައުމެއްގެ ޚާރިޖިއްޔާ ތަމްސީލު ކުރައްވާ ބޭފުޅުންނަށް ދައުވަތު ދެއްވާ ކަމުގައެވެ. ނަމަވެސް ޕްރިންސް ފަހަދު ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށްވާތީ ރައީސް މުއިއްޒުއާ ކުރެއްވި ރަސްމީ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ރައީސްގެ އިޚްތިޔާރުން އެމަނިކުފާނު ދައުވަތު ދެއްވި ފަރާތައް އެކަނިއެވެ. އަދި ނުރަސްމީގޮތުން ވިޔަސް ރަސްމީގޮތުން ވިޔަސް ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތައް ނިިންމާނީ ރައީސް ކަމުގައި މިނިސްޓަރ ޚަލީލް ވަނީ ފާހަގަ ކުރައްވާފައެވެ.
ސަަރުކާރުން މައުލޫމާތު ދީފައިވާ ގޮތުގައި ޕްރިންސް ފަހަދު ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. މި ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމީ ބައްދަލުވުމުގެ ހަބަރުތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައިވުމުން ގިނަބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ޚަބަރުތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގާފައިވަނީ ކީއްވެކަން ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ. ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓަރ އަބްދުއްﷲ ޚަލީލްވެސް ބައެއް ސުވާލުތަކަށް ވަރަށް ފަރިތަކޮށް ޖަވާބު ދެއްވި އިރު، މިސުވާލައް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.