Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 00:47
ރައީސް މުއިއްޒު ފުޅަދޫ ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް މުއިއްޒު ފުޅަދޫ ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ބ. ފުޅަދޫ
ފުޅަދޫ ކައުންސިލްގެ ވާހަކައިން އެނގުނީ މިސަރުކާރުން އެރަށުގައި އެއް ކަމެއްވެސް ނުކުރާކަން!
ފުޅަދޫ ކައުންސިލުން ރަށްގިރުމާއި، ފެނާއި ނަރުދަމާގެ މައްސަލަ އަދި ބަނދަރު އަޕްގްރޭޑް ކުރުމަށް ރައީސް އަރިހު އެދިވަޑައިގަތް
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައި

ބ. ފުޅަދޫ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒުގެ އަރިހުގައި ކޮށްދޭން އެދުނު އެއްވެސް ކަމެއް ސަރުކާރަށް މިވީ މުއްދަތުގައި އެރަށުގައި ކޮށްދެއްވާފައި ނުވާކަން ހާމަވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ފުޅަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި ރަށުގެ ފެނުގެ ހާލަތު ގޯސްވެފައިވާތީ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމަށާއި ފުޅަދޫގައި ވަޒީފާ އަދާކުރަން އަންނަ ފަރާތްތަކަށް އެކަށޭނަ އަގެއްގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެކޮމޮޑޭޝަން ބްލޮކެއް އަޅައިދެއްވުން ހިމެނެއެވެ.

މީގެ އިތުރުން ރަށުގައި ލެބޯޓްރީ ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދެއްވުމުގެ އިތުރުން ރަށު ބަނދަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރަށުގެ ބަނދަރު އަޕްގްރޭޑް ކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންފައިވެއެވެ. އަދި ރަށުގެ ޒުވާނުންނަށް ބޭނުންވާ އައުޓްޑޯ ވޮލީ ކޯޓެއް އަޅައިދެއްވުމަށް ވެސް ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ބައެއް މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ދެރަވެ، އެ ވިއުގަ އަޕްގްރޭޑް ކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފައެވެ. ކައުންސިލުން އެދުނު ކަންކަން ކޮށްދެއްވާނެކަމެއް ނުވަތަ ނޫންކަމެއް ވިދާޅުވެފައެއް ނުވެއެވެ.

- ކޮމެންޓް