ޣައްޒާގެ އިރުމަތީ ސަރަހައްދުތަކަށް އަންގާރަ ވިލޭރޭ އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި މަދުވެގެން 11 މީހުން ޝަހީދު ވެއްޖެ އެވެ.
ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ މަތިންދާބޯޓުތަކާއި ޓޭންކުތަކުން ކަމަށް މެޑިކަލް އޮފިޝަލުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ.
އަނެއްކޮޅުން ހަމަލާތައް ދެމުންދާ މި ދަނޑިވަޅުގައި، ހަމާސްގެ ލީޑަރު ޚަލީލް އަލް-ހައްޔާ އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅިފައިވާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މިސްރުގެ ވެރި ރަށް ގާހިރާ އަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޤަތަރުގައި ފަހުން ބޭއްވުނު ނުސީދާ މަޝްވަރާތައް ވަނީ ނަތީޖާއަކާ ހަމަ އަށް ނުގޮސް ނިމިފައެވެ. 60 ދުވަހުގެ މުައްދަތައް ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުން ހިމެނިފައިވާ މި އެއްބަސްވުން ކާމިޔާބު ނުވި ސަބަބާ ބެހޭ ގޮތުން އިސްރާއީލާއި ހަމާސް އިން އެއްބަޔަކު އަނެއް ބަޔަކު ގޯސް ކޮށްފައި ވެއެވެ.
އިސްރާއީލުން ވަނީ އަލުން ހަނގުރާމައިގެ އޮޕަރޭޝަން ފުޅާ ކޮށް މުޅި ޣައްޒާ ސިޓީ ހިފުމަށް ނިންމާފައެވެ. އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުމާއެކު އިސްރާއީލުން ކޮންޓްރޯލް ކުރި ޣައްޒާ ސިޓީ، އޭގެ ފަހުން ދޫކޮށްލުމާ ގުޅިގެން، ހަމާސް ގެ ހަނގުރާމަ ވެރިން ގެންދަނީ އަލުން އިންތިޒާމުވެ އިސްރާއީލު ސިފައިންނާ ކުރިމަތިލައި ގެރިއްލާ ހަނގުރާމަ އެއް ކުރަމުންނެވެ.
މުޅިން ވީރާނާ ވެފައިވާ އުތުރު ޣައްޒާގެ މި ބޮޑު ސިޓީ ގައި އިސްރާއީލުން ފަށަން އުޅޭ އައު ހަމަލާތައް ކިހާ މުއްދަތަކަށް ދެމިގެންދާނެ ކަމެއް ނުވަތަ ކުރީގެ އޮޕަރޭޝަނާ ފަހުން ފަށަން މިއުޅޭ ހަމަލާތައް ތަފާތު ވާނީ ކިހިނެއް ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގެ މައްޗަށް ވެރިވެގަތުމަށް ރާވާފައިވާ ޕްލޭނާ ގުޅިގެން، ޣައްޒާގެ ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ހާލަތާމެދު ދުނިޔޭގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.
މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 61،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ ގެ ބޮޑު ބއެއް ވަނީ ހަލާކުވެ، ކާބޯތަކެއްޗާއި، ބޯފެނާއި، ރައްކާތެރި ހިޔާވަހިކަމުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ.