Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 17:25
ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރެއް ކަމަށްބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ފަހަދް ސައުދު އަލް ޝަލަން
ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރެއް ކަމަށްބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ފަހަދް ސައުދު އަލް ޝަލަން
ރައީސް އޮފީސް
ފޭކް ޕްރިންސް
"ފޭކް ޕްރިންސް" ގެ ސުވާލު ބުދަ ދުވަހަށް އެޖެންޑާ ކޮށްފި
ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި ޚަބަރު ގައި ލިޔެފައި ވަނީ ފަހަދް އަކީ ސައޫދީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އަދި އޭނާގެ ނަން ލިޔެފައި ވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" ޖެހުމަށް ފަހު
ރައީސް އޮފީހުގެ ވެބްސައިޓުން ރައީސް މުއިއްޒު ފަހަދް އާއި ބައްދަލުކުރެއްވި ޚަބަރު މިހާރު ފެންނަން ނެތް
ސައުދީ ސަރުކާރުންނާއި ސައުދީ އެމްބަސީން މިހާތަނަށް މިކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާ އެކު ރައީސް އޮފީހުގައި ރައީސް މުއިއްޒު ބައްދަލު ކުރެއްވި "ޕްރިންސް" ފަހަދް އާ ބެހޭ ގޮތުން ފޮރިން މިނިސްޓަރާ ސުވާލު ކުރުން ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު މީކާއީލް އަހުމަދު ނަސީމް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާ ކުރައްވާ ސުވާލު ގައި ވަނީ، "ފްރިންސް" ފަހަދް ސައުދު އަލް ޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ފަރާތެއް ތޯ އާއި، އަދި އެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ އެމްބަސީ އިން ބައިވެރިވެފައި ނުވަނީ ކީއްވެގެން ތޯ އެވެ. އޭގެ އިތުރުން މީކާއީލް ގެ ސުވާލު ގައި ވަނީ އެފަރާތަކީ ސައުދީ ޝާހީ އާއިލާ އަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާން ކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ނަމަ، ދިވެހި ރާއްޖެ އާ ސައުދީ އަރަބިއްޔާ އާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ތޯއެވެ.

މީގެ ކުރިން ވެސް މި ސުވާލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރެވުނެވެ.

މި ދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ޖަލްސާ އަށް ސުވާލު އެޖެންޑާ ކުރެވުނު ނަމަވެސް، ޖަވާބު ދެއްވަން ފޮރިން މިނިސްޓަރ ޚަލީލު "ކޮންމެހެން ވަޑައިގަންނަވަން ޖެހޭ ރަސްމީ އެހެން މަސައްކަތެއް އޮވެގެން،" މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.

ރައީސް އޮފީހުގެ ވެބްސައިޓު ގައި ރައީސް މުއިއްޒު ފަހަދު އާއި ބައްދަލު ކުރެއްވި ހަބަރު މިހާރު ފެންނަން ނެތްކަން ފާހަގަ ކުރެވެއެވެ.

ފަހަދް ރާއްޖެ އައީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ. އަދި އެ ދަތުރުގައި އޭނާ ވަނީ ރައީސް މުއިއްޒު އާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި ޚަބަރު ގައި ލިޔެފައި ވަނީ ފަހަދް އަކީ ސައޫދީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ. އޭނާގެ ނަން ލިޔެފައި ވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" ޖެހުމަށް ފަހު އެވެ.

ދިވެހި ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި މިވަރުގެ ބޮޑު ކަމެއް ހިނގީ ކިހިނެއްތޯ އެތައް ބަޔަކު ވަނީ ކަންބޮޑުވުމާއެކު ސުވާލު އުފައްދާފައެވެ. ބައެއް މީހުން ބުނެފައިވަނީ މިކަމުން އެނގެނީ ސަރުކާރުގެ ނާގާބިލު ކަން ކަމަށާއި، "ފޭކް" މީހުން ގެނެސް ރާއްޖޭގެ އަގު ވައްޓާލައިފި ކަމަށެވެ.

ސައޫދީ ސަރުކާރުން އަދި މާލޭ ގައި ހުންނަ ސައުދީ އެމްބަސީ އިން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

- ކޮމެންޓް