Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 13:33
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު (ފައިލް ފޮޓޯ)
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު (ފައިލް ފޮޓޯ)
ރައީސް އޮފީސް
ޒުވާނުންގެ ދުވަސް
ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަންނަން ޖެހޭ : ރައީސް
ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމަށް ޒުވާނުންގެ ދައުރު މުހިންމު ކަމަށް ރައީސް ވިދާޅުވި
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ގޮވާލެއްވި
ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި މުސްތަޤްބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް ރައީސް ގޮވާލެއްވި

ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޒުވާނުންނަކީ، ބަދަލުގެ އެޖެންޓުންގެ ގޮތުގައި ބަލައިގަނެ، ތަރައްޤީގެ ރޮނގުން ކުރާ މަސައްކަތްތަކުގެ ތަފާތުކަން ފާހަގަކޮށް، އެޒުވާނުންނަށް މަންފާތައް ލިބޭ އެންމެން ޝާމިލުވާ ފަދަ މާޙައުލެއް ޤާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައިވެއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވާލެއްވިއެވެ. އެގޮތުން އެ ޒުވާނުންގެ އަޑު އަހައި، ދޭސީ މުޖުތަމަޢުން ފެށިގެން، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާއި، އަދި އެނޫންވެސް ހުރިހާ މަރުޙަލާއެއްގައި، ނިންމުންތައް ނިންމުމުގައި ޒުވާނުން ބައިވެރިކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޒުވާނުންގެ އުފެއްދުންތެރި ހުނަރުތައް ކުރިއަރުވައި، ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން މިއަދުގެ ޒުވާނުންގެ އަޑުތައް ގަދަވެ، އެކި ސަރަޙައްދުތަކާއި ރަށްރަށުގައި، އެންމެން ޝާމިލުވާ، ނަތީޖާ ހާސިލުވާފަދަ މަޝްވަރާތަކަށް މަގުފަހިވެފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އުމުރަކީ ތަފާތެއް ދެއްކުމަށް އޮތް ހުރަހެއް ނޫންކަން ދިވެހި ޒުވާނުން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. 2030 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އާބާދީގެ 57 އިންސައްތައަކީ ޒުވާނުން ކަމަށް އަންދާޒާކޮށްފައިވާއިރު، ނިންމުންތައް ނިންމުމުގެ ދައުރު އަދާކުރުމުގެ ބާރު ޒުވާނުންނަށް ދިނުމުގެ މުހިންމުކަން، އިހުނަށްވުރެ ބޮޑު ވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން، "ޒުވާނުންގެ ތަރޑް ސްޕޭސް" އަކީ ޒުވާނުންގެ ދުޅަހެޔޮކަމާއި ޝާމިލު ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ތަނެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެައެވެ.

ވަސީލަތްތައް ތަނަވަސްވެ، ހަރުދަނާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކޮށް، ޒުވާން ޢާއިލާތަކަށް ބޯހިޔާވަހިކަމުގައި އިސްކަންދިނުމަށް އެމަނިކުފާނު އެދިލެއްވިއެވެ. ރައީސް މުއިއްޒު ވަނީ ޒުވާނުންގެ ޚިޔާލުތައް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ، ތަނަވަސް މުސްތަޤްބަލަކަށް ބަދަލުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައިދެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

- ކޮމެންޓް