Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 14:04
އެމް.ޕީ.އެލް ސަރަޙައްދު
އެމް.ޕީ.އެލް ސަރަޙައްދު
ސޯޝަލް މީޑިއާ
އެމްޕީއެލް ހިޔާނާތް
އެމްޕީއެލްގެ ހިޔާނާތް - ގެއްލުމުގެ ބަދަލުގައި 6.79 މިލިއަން ރުފިޔާ ނަގައިދިނުން އަވަސްކޮށްދޭން އެދިއްޖެ
އެފްއެސްއެމްގެ އެންމެހާ މާލީ މުއާމަލާތްތައް ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އެންގުން
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް، ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް އިސްލާހު ކުރުމަށް އެމްޕީއެލްއިން އެންގުން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްއަށް) ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލަށް 6.8 މިލިއަން ރުފިޔާ ނަގައިދިނުން އަވަސްކޮށްދިނުމަށް އަންގަން ފާސްކޮށްފިއެވެ.

މި ހިޔާނާތަކީ 2018 އިން ފެށިގެން އެކަން ހިނގަމުން އައި ކަމެކެވެ. އެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް ފިއުލްސަޕްލައި މޯލްޑިވްސްގެ މުވައްޒަފުންނަށް އެޅީ ފިޔަވަޅެވެ. 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވެއެވެ. އޮކްޓޯބަރު 5، 2022 ގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓުގައި 2018 އިން 2020 އަށް 28.3 މިލިއަން ރުފިޔާގެ ޑީސަލް ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ގެއްލިފައިވާ ޑީސަލްތަކުގެ ތެރޭގައި ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ ޑީސަލްގެ ތެރެއިން 9.62 މިލިއަން ރުފިޔާގެ ޑީސަލް، ޓަގު ބޯޓުތައް ހިންގުމަށް 18.57 މިލިއަން ރުފިޔާގެ ޑީސަލް އަދި ކްރޭންތަކަށް އެޅުމަށް 127،616 ރުފިޔާގެ ޑީސަލް ހިމެނެއެވެ.

މި މައްސަލައިގައި އެކުލަވާލާފައިވާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓް ފާސްކުރީ 69 މެންބަރުންގެ ވޯޓާއެކުއެވެ. އަދި ފަސް ފިޔަވަޅެއް އެޅުމަށް މަޖިލީހުން ވަނީ އަންގާފައެވެ.

މަޖިލީހުން އަންގަން އެޅި ފިޔަވަޅުތައް

  1. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދީފައިވާ ގޮތަށް އިސްލާހުކަމަށް އެމްޕީއެލް އަށް އެންގުން
  2. ތެޔޮ އުފުލާ އުޅަނދުފަހަރު މޮނިޓާކުރުމަށް ބޯޓު ފަހަރުގައި ކެމެރާ ހަރުކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި ތެޔޮ ދޫކުރުމަށް ބޭނުންކުރެވޭ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް، ޑިޖިޓަލްކޮށް ލައިވް ރިޕޯޓު ނެގޭނެ ގޮތަށް ހަދައި، ބާޖުތަކުގެ ޓޭންކުގައި ހުންނަ ތެލުގެ އަދަދު ވަގުތުން ބެލޭނެ އޮޓޮމެޓިކް ގޭޖިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ނިންމައި، އޭގެ ތަފުސީލު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް އެންގުން
  3. ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކޮށްދިނުމަށް ކޯޓުތަކާއި ޕީޖީއަށް އަންގައި، މަސައްކަތް ކުރިއަށްދާ ގޮތް 3 މަސްދުވަހުގެ ތެރޭގައި އެންގުން
  4. އެފްއެސްއެމްގެ މާލީ މުއާމަލާތްތައް ބަލައި އެއްވެސް އިރެގިއުލަރިޓީޒްއެއް ހިނގާފައިވޭތޯ ބަލައި، ކުންފުނީގެ ރިސްކް މެނޭޖްމަންޓް ޕްރޮސެސް، އިންޓަރނަލް އޮޑިޓް އަދި އިންޓަރނަލް ކޮންޓްރޯލް ޕްރޮސެސް ހިމެނޭހެން ގާއިމްވެފައިވޭތޯއާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިތޯ ބަލައި، އަދި ކުންފުނީގެ އެންމެހައި މާލީ ޓްރާންސެކްޝަންތައް ހިންގާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުން
  5. ތެޔޮ އުފުލާ އުޅަނދުފަހަރުތަކުން އޮފްޝޯ އަދި ސަލްވޭޖް އޮޕަރޭޝަންތަކަށް ބޭނުންވަ ޑީސަލް ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން އުޅަނދުފަހަރުތައް ބޭރުވުމަށްފަހު ނުވަތަ ވަކި ދުރުމިނެއް ފަހަނައަޅާ ދިއުމަށްފަހު އެ އުޅަނދުފަހަރުތައް މޮނިޓަރކުރުމަށް ބޭނުންވާ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތައް ރައްޔިތުންގެ މަޖިލީހުން ރިޕޯޓް ފާސްކުރާތާ 3 މަސް ދުވަހުގެ ތެރޭގައި އެމްޕީއެލްގެ އުޅަނދުތަކުގައި ގާއިމްކުރުމަށް އެންގުން

މި މައްސަލައާއި ގުޅިގެން 3 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އަދި ދައުވާ ކޮށްފައިވާ ދެމީހެއްގެ މައްޗަށް 783،100 ލީޓަރުގެ އަގަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ދައުވާކޮށްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ސ. ފޭދޫ ވާރުގެ، މުހައްމަދު އައިމަންއާއި، ސ. ހިތަދޫ އާޒާދުގެ، ހަސަން ދީދީ އަދި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށް ހުށަހެޅި ދައުވާތަކާއި ގުޅިގެން މިހާތަނަށް 8 އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކުރެވިފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 14 އެޕްރީލް 2025 ގައެވެ. އެއީ ސޮޖިބުގެ ފަރާތުން ޝަރީއަތުގެ އަޑުއެހުންތައް ފަށައި ހެކިވަސް ނެގުމުގެ މަރުހަލާއެވެ.

- ކޮމެންޓް