ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 20:34
ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި، އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް
ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި، އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް
ރާއްޖެއެމްވީ
އެޑިއުކޭޝަން މިނިސްޓްރީ
ކުއްލިއަކަށް އަނެއްކާވެސް ދަރިވަރުންނަށް އިތުރު ބަދަލެއް! ބެލެނިވެރިންނަށް އިތުރު ބުރައެއް!
އަނެއްކާ ވެސް ސަރުކާރުގެ އިތުރު ބަދަލެކެވެ. ބެލެނިވެރިންނަށް އިތުރު މާލީ ތަކުލީފެކެވެ. ރަސްމީކޮށް ސްކޫލްތަކަށް އަންގާ ޕްރައިވެޓް ސްކޫލްތަކުގެ 11-12 ދަރިވަރުންގެ ފީ ސަރުކާރުން ދެއްކުން ހުއްޓާލަނީއެވެ.

އަނެއްކާ ވެސް ސަރުކާރުގެ އިތުރު ބަދަލެކެވެ. ބެލެނިވެރިންނަށް އިތުރު މާލީ ތަކުލީފެކެވެ. ރަސްމީކޮށް ސްކޫލްތަކަށް އަންގާ ޕްރައިވެޓް ސްކޫލްތަކުގެ 11-12 ދަރިވަރުންގެ ފީ ސަރުކާރުން ދެއްކުން ހުއްޓާލަނީއެވެ. ރަސްމީކޮށޭ ބުނަން މި ޖެހުނީ ސަބަބެއް ނެތި އެއް ނޫނެވެ.

ވެރިކަމަށް ވަޑައިގަތީއްސުރެ މި ބަދަލު ގެންނަވަން މަޑުމަޑުން ފައްޓަވައިފިއެވެ. މި ދައްކަނީ އެޑިއުކޭޝަން މިނިސްޓްރީން ޕްރައިވެޓް ސްކޫލްތަކުގައި ގްރޭޑް 11-12 ގައި ކިޔަވާ ދަރިވަރުންގެ ފީ ދެއްކުން ހުއްޓާލަން ނިންމައި، ދަރިވަރުންގެ ހުރިހާ ޚަރަދެއް ދެން ކުރަންޖެހޭނީ ބެލެނިވެރިން ކަމަށް އެންގި ވާހަކައެވެ. މި ކުއްލި ނިންމުން ހާމަ ކުރީ އެޑިއުކޭޝަން މިނިސްޓްރީން 15 ޖުލައި 2025 ގައި ނެރުނު ސަރކިއުލަރ އަކުންނެވެ. މި ބަދަލު ގެނެސްފައިވަނީ ދަރިވަރުންގެ އޯލެވެލް ނަތީޖާ ލިބެން ކައިރިވެފައިވަނިކޮށް ކަމަށްވުމުން، ގިނަ ބެލެނިވެރިންނަށް މިކަންވީ އުފުލަން ޖެހުނު ނުހަނު ބޮޑު ބުރައަކަށެވެ. ސަރކިއުލަރގައިވާ ގޮތުން، ސަރުކާރު ސްކޫލުން ޖާގައަށް ނޭދި އެހެން ސްކޫލްތަކަށް ފޮނުވާ ދަރިވަރުންނާއި، ސަރުކާރު ސްކޫލުން ޖާގަ ލިބުމުން އެ ޖާގަ ބޭނުން ނުކޮށް އެހެން ސްކޫލަކަށް ދާ ދަރިވަރުންގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ބެލެނިވެރިންނެވެ.ތައްޔާރުވާނެ އެކަށީގެންވާ ވަގުތު ނުދީ މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ބެލެނިވެރިންނަށް ލިބޭ ވަރަށް ބޮޑު މާލީ ބުރައަކަށް ވާއިރު މި ބަދަލު ސަރކިއުލާގައި ހިމެނުމުގެ ކުރިން ސަރުކާރުން ގެންނަން ފަށައިފިއެވެ. މިކަމާ ގުޅިގެން ބެލެނިވެރިންގެ ފަރާތުން އިތުރު ޝަކުވާތައް އައި ނަމަވެސް އެކަން ވެސް ސަރުކާރުން އޮތީ ފޮރުވާފައެވެ.

މާލެ ސަރަހައްދުގައި އޭލެވެލް އުނގެނުމަށް ތިބި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން މި ބަދަލާއި އެކު ކުއްލިއަކަށް ސްކޫލް ބަދަލުކުރަން ޖެހޭނެއެވެ. އެކަމަކަށް ވެސް ފަރުވާލެއް ނެތެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް ބެލެނިވެރިންނަށް އެންގީ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކާދޭނެ ކަަމަށެވެ. އެއީ ވަކިވަރަކަށް ފާސްވާ ދަރިވަރުންނަށެވެ. އެކަމަކު އެކަން ވެސް ބަދަލުކުރައްވާ ކުރިން ބުނި ވާހަކަ ކެންސަލް ކުރެއްވީއެވެ. ސަރުކާރުން ދައްކާ ވާހަކައިގެ އިތުބާރެއް ދެން އޮންނާނީ ކިހިނެތްތޯއެވެ.

ދެން ބުނެފާނެއެވެ. ބަލަ ޕްރައިވެޓް ސްކޫލަކަށް ވެއްދީ ކީއްކުރަން ހެއްޔެވެ. މައްސަލަ އެއް ނެތެވެ. އެތަނަށް ކުދިން ފޮނުވަނީ ފުދޭ މީހާކަމަށް ބަލަންވީ ހެއްޔެވެ. އެކަމަކު އެތަނަށް ދަރިވަރު ފޮނުވަން ތައްޔާރުވީ އިރު ސަރުކާރުން ހަދާފައި ހުރި ސްކޫލްތައް ކުއްލިއަކަށް ބަދަލުކުރުން މިއީ ހަމަ އާއި އިންސާފުތޯ ވިސްނާލަންޖެހެއެވެ.

މި ބަދަލާ ގުޅިގެން ގިނަ ބެލެނިވެރިން މަދުވެގެން އެންޓްރެންސް ފީގެ ގޮތުގައި 3000 ރުފިޔާ އަދި މަހަކު 3000 ރުފިޔާ ދައްކަން ޖެހޭނެއެވެ. ބެލެނިވެރިންނާ މަޝްވަރާ ނުކޮށް މިފަދަ ނިންމުމެއް ނިންމުމަކީ މިނިސްޓްރީން މިކަން ސިއްރުން ކުރަން ބޭނުންވިކަން ދައްކުވައިދޭ ކަމެއް ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ. މި ބަދަލަށް ތައްޔާރުވާން ވަގުތު ދިނުމަކީ ވެސް ނެތް ކަމެކޭ ހީވާ ކަހަލައެވެ.

މިއީ ވެސް މި ސަރުކާރުން ކުރިން ދިރާސީ އާ އަހަރުގެ ފެށުން ބަދަލުކުރެއްވި ކަހަލަ ކަމެކެވެ. ދަރިވަރުންނަށް ލިބޭ ގެއްލުމަކަށް ބެލުމެއް ނެތެވެ. ހިތަށް އެރީމަ ހިތަށް އެރި ގޮތެކެވެ. ބެލެނިވެރިންގެ ޝަކުވާއަކަށް ބެލުމެއް ނެތެވެ. މިކަހަލަ ސިޔާސަތެއް ނެތި ކުރާ ކަންކަމުން ހަފުސް ވަނީ އާއްމު ރައްޔިތު މީހާއެވެ.

- ކޮމެންޓް