ތުޅާދޫ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތުޅާދޫ އަށް ވަޑައިގަންނަވާ އިރު ކައުންސިލަށް އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭކަން ހާމަވެއްޖެއެވެ.
ތުޅާދޫ ކައުންސިލް މެމްބަރ އިސްމާއިލް ދާއޫދު، ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު ރައީސް އެ ރަށަށް ވަޑައިގަތުމަށް ތާވަލްކޮށްފައިވާ ކަަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތުޅާދޫގައި ޤާއިމްކޮށްފައިވާ ފުލުހުންގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ތުޅާދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ވެސް މި ދަތުރުފުޅުގެ ތެރެއިން ފެއްޓެވުމަށް ނިންމަވާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ދެ މަޝްރޫޢު އާއި ގުޅުން ހުރި ސާފު މައުލޫމާތު ކައުންސިލް އަށް ވުޒާރާތަކުން ދެމުން ނުދާތީ އެ ކަންބޮޑުވުން އޭނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެއާޕޯޓް މަޝްރޫޢު އަށް ހިއްކާ ބިމުގެ ބޮޑު މިނާއި، އެ ތަން ހިއްކުމަށް ބޭނުންވާ ވެލި ނަގަނީ ރަށުގެ ކިހާ ހިސާބަކުންކަން، ނުވަތަ ހިއްކާ ވެލި ނަގަނީ ރަށުން ބޭރުން ފަޅުންތޯ ވެސް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި މަޝްރޫއު އާއި ގުޅުން ހުރި ޚަރަދުތަކުގެ ތަފްސީލް ވެސް އެއްވެސް ފަރާތަކުން ކައުންސިލަށް ސާފުކޮށްދީފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުގެ އީއައިއޭ ވެސް ކައުންސިލާއި ހިއްސާ ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މަޝްރޫޢުތަކުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހިއްސާ ކުރުމަށް ކައުންސިލަށް އެ މަޝްރޫޢުގެ މައުލޫމާތު އެނގުން މުހިންމު ކަމަށް ދާއޫދު ވިދާޅުވިއެވެ.
ކައުންސިލުން އެންމެ ބޮޑަށް ބޭނުން ވަނީ ރައްޔިތުން ކުރިމަތިކުރުވާ ސުވާލަށް ފުރިހަމަ އަށް ޖަވާބުދޭން. އެކަން ކުރެވޭނީ ފުރިހަމަ މައުލޫމާތު ސަރުކާރުގެ އިދާރާތަކުން ދެއްވައިގެން. ޚާއްސަކޮށް ބިން ހިއްކުމާއި މެދު ސާފުކުރަން ބޭނުން ވަނީ ހިއްކަނީ ކިހާ ބޮޑު މިނެއްކަން ބިން ހިއއްކަނީ، ވެލި ނަގަނީ ކޮންތާކުންކަން، ރަށުގެ ކިހާ ހިސާބަކުންތޯ. މިފަދަ އެއްވެސް މައުލޫމާތެއް ކައުންސިލަށް ސާފެއް ނުވޭ.
ތުޅާދޫ ކައުންސިލް މެމްބަރ އިސްމާއިލް ދާއޫދު![]()
ފަޅުތެރެއިން ވެލި ނަގައިގެން ބިން ހިއްކުމަކީ ރަނގަޅު ގޮތް ނޫންކަން މި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި މީގެ ކުރިން ވެސް ހިއްސާކޮށްފައި ވާނެ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ. ހިއްކާ ސަރަހައްދާއި، ހިއްކާނެ ތަނާއި، އެކަމަށް ކަނޑައަޅާ ބަޖެޓް ކައުންސިލްތަކާއި ހިއްސާކުރުމަކީ އުސޫލެއްގެ ގޮތުން ކަން ހިނގަން ޖެހޭ ގޮތް ކަމަށް ވީ ނަމަވެސް ކައުންސިލަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ އެކި އެކި މައްސަލަތަކުގައި އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބޭތީ އެކަމާއި މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ތުޅާދޫ ބިން ހިއްކުމަށް މީގެ ކުރިން ގެންދަން ހަމަޖެހިފައި އޮތީ މަހާ ޖައްރާފެވެ. ނަމަވެސް ރައީސް އެ ރަށަށް ވަޑައިގަތުމުގެ 2 ދުވަސް ކުރިން އާދިއްތަ ދުވަހު ބިން ހިއްކަން ބޭނުން ކުރާ ކުޑަ އުޅަނދެއް އެ ރަށަށް ވަނީ ގެންގޮސްފައެވެ.