Advertisement
ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 10:34
ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް
ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް
ރާއްޖެއެމްވީ
ކުޅުދުއްފުށި
"ސަރުކާރުން އަރައިގަތީ އިންތިޚާބީ ހައްގަކަށް، ކައުންސިލަށް ދައުރުގެ ފަހު އަހަރު މަސައްކަތް ނުކުރެވޭ ނަމަ ރައީސަށް ވެސް ކުރެވިގެން ނުވާނެ"
ކައުންސިލްތަކަށް މީހުން އިންތިޚާބުކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަށް ނަމަވެސް ދައުރުގެ ފަހުކޮޅު މަސައްކަތްތައް ނުކުރެވޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސްފައިވޭ
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލާއި އެކު 5 އަހަރު ފުރިހަމައަށް މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ފުރުސަތު ނުލިބޭ
މިހާރު ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ ފާސްކޮށްފައިވާ އިސްލާހާއި އެކު ކައުންސިލްގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ސަރުކާރުން ވަނީ ލަމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް ކައުންސިލްތަކުގެ އިންތިޚާބީ ހައްގަކަށް އަރައިގަނެފައި ކަމަށާއި ކައުންސިލަށް ދައުރުގެ ފަހު އަހަރު މަސައްކަތް ނުކުރެވޭ ނަމަ ރައީސަށް ވެސް ދައުރުގެ ފަހު އަހަރު މަސައްކަތްތައް ކުރެވިގެން ނުވާނެ ކަމަށް ކުޅުދުއްފުށީގެ މޭޔަރ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޒޫމް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަންނަވަމުންނެވެ.

މިހާރު ކައުންސިލްތަކުގައި ތިބި އެންމެން އިންތިޚާބު ކުރީ 5 އަހަރުގެ ދައުރަކަށް ކަމަށް ވީ ނަމަވެސް މިހާރު ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލާއި އެކު 5 އަހަރު ފުރިހަމަ އަށް މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ފުރުސަތު ނުލިބޭ ކަމަށް އާތިފް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ދައުރުގެ ފަހުކޮޅު ގިނަ ކަންތައްތައް ކުރުމުގެ މަގު ބަންދުވާގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށް ފާހަގަކުރައްވާ އާތިފް ވަނީ އެކަމާއި މެދުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކައުންސިލްތަކަށް މީހުން އިންތިޚާބު ކުރަނީ 5 އަހަރު ދުވަހު ކުރާނެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކަމަށާއި އެ ފުރުސަތު ސަރުކާރުން ނިގުޅައިގަންނަ ކަމަށް އާތިފް ވަނީ ސިފަކުރައްވާފައެވެ.

އިތުރަށް ސިނާއީ މަސައްކަތެއް ވިޔަސް އިގްތިސާދީ މަސައްކަތެއް ވިޔަސް އިތުރަށް ބިން ދޫކުރުމުގެ ފުރުސަތު ގެއްލުނީ. އިދާރާ އަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ފުރުސަތު ވެސް ގެއްލިގެން އެބަދޭ. މިއީ ކައުންސިލެއް ހުއްޓުވާލުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތައް. ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް މަސައްކަތް ނުކުރެވެންޏާ ކިއްތޯ ވާނީ ރިޔާސީ އިންތިޚާބުގައި ވެސް އެގޮތަށް ހަމަޖައްސަން. އަޅުގަނޑަކަށް ހިއެއް ނުވޭ ހަމަ އެއް ގޮތަކަށް ވެސް އެކަން އެހެން ކުރަން ކެރިވަޑައިގަންނަވާނެ ހެނެއް.

ކުޅުދުއްފުށީގެ މޭޔަރ މޭޔަރު މުޙައްމަދު އާތިފް

ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެންނަ އިސްލާހުތަކާއި މެދު އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުވުން ފާޅުކުރައްވާފައެވެ. 2007 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ވުޖޫދަށް އައީއްސުރެ މިހާހިސާބަށް އައި އިރު ވެސް ލާމަރުކަޒީ ނިޒާމް ރަނގަޅަށް ހިނގައިގަންނަން ފުރުސަތު ލިބިފައި ނުވާ ކަމަށް އާތިފް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ކައުންސިލްތަކުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކަށް ނިމިދިޔަ ދައުރުގައި ވެސް ފުރުސަތު ދީފައި އޮތް ކަމަށް އާތިފް ވިދާޅުވިއެވެ. ހަމައެހެންމެ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ވެސް އޭރު ހޯދާދީފައިވާ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

މިހާރު ލާމަރުކަޒީ ޤާނޫަނަށް ހުށަހަޅާ ފާސްކޮށްފައިވާ އިސްލާހާއި އެކު ކައުންސިލްގެ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ކައުންސިލްތައް ހުއްޓުވާލުމަށް ކުރާ ކަމެއް ކަމަށް އާތިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލު ކަމަށް އާއްމުން ވެސް ޤަބޫލުކުރާ ކަމަށާއި މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތައް އާއްމުން ވެސް ބަލައި ނުގަންނަ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް