މުޅި ޣައްޒާ ސިޓީގެ ކޮންޓްރޯލް އަތުލުމަށް އިސްރާއީލް އިން ނިންމާފައިވާ ނިންމުމާއި، އެ ޤައުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމު ޤައުމު ތަކުން އެއްބައިވުމަށް ތުރުކީ އިން ގޮވާލައިފި އެވެ.
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން، މުޅި ޣައްޒާ އެއްކޮށް ހިފުމަށް ހުށަހަޅާފައިވާ ހުށަހެޅުން، އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އެކަން ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލް އިން ހާމަކޮށްފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އިސްރާއީލަށް އަމާޒުވެފަ އެވެ.
މިޞްރުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވެފައި ވަނީ، ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް އިސްރާއީލް އިން އެކުލަވާލާފައިވާ ޕްލޭނާ ދެކޮޅަށް އިސްލާމީ ޤައުމުތައް އެއްބައިވެ، ބައިނަލްއަޤުވާމީ މައިދާނުގައި އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، މިޞްރުގެ ފޮރިން މިނިސްޓަރު ބަދުރު ޢަބްދުއްލަތީއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. މިޞްރުގެ އަލް އަމީންގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ދެ ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ދަތުރުފުޅުގައި ހަކަން ފިދާން ވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ފިދާން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށެވެ. އަދި އޯއައިސީގެ ކުއްލިަ ބައްދަލުވުމަކަށް ވަގުތުން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
އިސްރާއީލްގެ ސިޔާސަތަކީ ބަނޑުހައި ހޫނު ކަމުގެ ޒަރީއާ އިން ފަަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުން ކަމަށާއި، ސިޔާސަތު އަމާޒު ކޮށްފައި ވަނީ އެކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިސްރާއީލް އިން މަސައްކަތް ކުރަނީ ޣައްޒާ އަތުލައި، އެ ތަނުގައި ދާއިމީ ގޮތެއްގައި އިސްރާއީލްގެ ބޭރުވެރިން ބޭއްވުމަށް ކަަމަށް ވެސް ފިދާން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ، އިސްރާއީލަށް އެހީތެރިވުމަށް އެއްވެސް ޤައުމަކަށް އުޒުރު ދެއްކެން ނެތް ކަމަށެވެ. އަދި އިސްރާއީލްގެ ޕްލޭނަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ޤަބޫލު ކުރެވޭނެ އަދި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އޯއައިސީގެ މިނިސްޓީއަލް ކޮމެޓީ އިން ވަނީ އިސްރާއީލްގެ ނިންމުން އަދި އެ ޤައުމުގެ ޕްލޭން ކުށްވެރި ކުރާ ކަމަށް ބުނެފަ އެވެ. އަދި އެއީ ނުރައްކާތެރި ނިންމުމެއް ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ޤަނޫނުތަކާ ވެސް ޚިލާފު ނިންމުމެއް ކަމަށް އެ ކޮމެޓީ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިޞްރު، ޤަތަރު އަދި އެމެރިކާ މެދުވެރި ވެގެން ވަނީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލާއި، ހަމާސްއާ ދެމެދު ކުރިއަށް ގެެންދިޔަ މަޝްވަރާތައް މަޑު ޖެހިފައި ވަނީ، އެއްބަސްވުމެއް ޤާއިމު ކުރުމުގައި ގޮން ޖެހުންތަކެއް ކުރިމަތި ވުމުންނެވެ.