Advertisement
ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 18:39
ތުރުކީއިން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (P-343)
ތުރުކީއިން ރާއްޖެއަށް ހަދިޔާކުރި ޓީސީޖީ ވޮލްކަން (P-343)
ތުރުކީ ޓުޑޭ
އަސްކަރީ މަނަވަރު
ތުރުކީއިން ރާއްޖެއަށް ދިން އަސްކަރީ މަނަރު ރާއްޖެ ގެނެސްފި
ތުރުކީން ރާއްޖެއަށް މިސައިލް ފޮނުވާ މަނަވަރެއް ހަދިޔާކުރަން ނިންމާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމަށް އެހީތެރިވުމަށް
ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓް ކުރުމަށް ތުރުކީގައި ތަމްރީނު ހަދާފައިވޭ

ތުރުކީއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި އަސްކަރީ މަނަވަރު ރާއްޖެ ގެނެސްފިއެވެ.

ތުރުކީއިން ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކުރަން ނިންމީ މިދިޔަ އެޕްރީލް މަހުއެވެ. މަނަވަރު މިހާރު އޮތީ މާލޭގެ ވިޔަފާރި ބަނދަރުތެރޭގައެވެ. މަނަވަރު ގެނެސްފައިވަނީ އެފަދަ އުޅަނދުތައް އެއްތަނުން އަނެއްތަނަށް އުފުލާ 'ރޯލް ޑޮކް' ނަމަކަށް ކިޔާ އާގު ބޯޓެއްގައެވެ. އަދި މަނަވަރު ގެނައީ އޭގެ ރީފިޓިންގ ހެދުމަށްފަހު ސިފައިން ތަމްރީނު ކުރުމަށް ފަހުގައެވެ.

ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރީ ޓީސީޖީ ވޯލްކަން (ޕީ-343) ހަނގުރާމަމަތީ އުޅަނދެކެވެ. މި އުޅަނދަކީ ޑޯގަން-ކްލާސްގެ އަވަސް ހަމަލާދޭ އުޅަނދެކެވެ. މި އުޅަނދު ހަދިޔާ ކުރީ ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ދެވޭ އެހީއެއްގެ ގޮތުގައި ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

އުޅަނދު ރާއްޖެ ގެނެސްފައިވާ އިރު، ތުރުކީގެ ނޭވީގެ ޓީމަކުން މި މިސައިލް ބޯޓު އެކްޓިވޭޓްކޮށް، އިތުރު ދެ ހަފްތާގެ އޮޕަރޭޝަނަލް ތަމްރީނު ދިވެހި ސިފައިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓީސީޖީ ވޯލްކަން އަކީ 1981 ވަނަ އަހަރު ތުރުކީގެ ކަނޑުގެ ސިފައިން ބޭނުން ކުރަން ފެށި އުޅަނދެކެވެ. އެހެން ނަމަވެސް 2024 ގައި މިއުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި ބަދަލުކުރެވިފައެވެ. ޑޯގަން-ކްލާސް އުޅަނދުތަކަކީ ޖަރުމަނުގެ ލޫސެން ވާފްޓް ކުންފުނިން ފަރުމާކޮށްފައިވާ، ހާޕޫން އެންޓި-ޝިޕް މިސައިލް ހަރުކުރެވިފައިވާ އުޅަނދުތަކެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް ބުނެ ތުރުކީ ވިލާތުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ "ބޭރަކްޓާ ޓީބީ 2" ގެ 6 ޑްރޯންވެސް ވެސް ގަނެފައެވެ. އެތައް ލައްކަ ޑޮަލަރެއް ޚަރަދުކޮށްގެން ގަތް މި ޑްރޯންތަކުގެ ބޭނުން ހިފަމުން ނުދާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުއިއްޒު ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ އަސްކަރީ ސަމާނު އުފައްދާ ބައެއް ކުންފުނިތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

- ކޮމެންޓް