މި ސަރުކާރުން 5 އަހަރުގެ ދައުރެއް ނިންމާފައި ދަމުން ހިންގި ކޮރަޕްޝަން ފޮރުވަން ލިޔުންތައް ނައްތާލާކަށް ވެސް މި ފަސް ނުޖެހޭނެ ކަމަށް ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފަައިސަލް ވިދާޅުވެއްޖެއެވެ.
އަމީން އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ތަކެއްކޮށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކުލަވާލި ރިޕޯޓުގައި ހިމެނޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ބަލަމުންނެވެ. އެއާއި އެކު ޝުޖާ މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވަނީ ވަކިކޮށް، އޭނާ ތަމްސީލް ކުރާ ކޮމިޓީތައް ބަދަލުކޮށްފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނަށް އެނގިގެން ސަރުކާރުގައި ކޮރަޕްޝަންގެ އަމަލެއް ނުހިނގާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ޤައުމުގައި ހިނގާ ހުރިހާ ކަމެއް ވަރަށް ސާފުކޮށް އެނގިވަޑައިގެން ކަމަށް އެމަނިކުފާނު އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ހުދު ޝުޖާއު ވެސް ރައީސަށް ދައުލަތުގެ ކޮންމެ ފައިސާ ފޮއްޗެއް ހޭދަކުރާ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ މަންޒަރު ފެންނަން ހުރި ވީޑިއޯތައް މިހާރު ވެސް ސޯޝަލްމީޑިއާގައި ހުންނާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރައީސަށް އެނގިވަޑައިނުގެން ކޮރަޕްޝަންގެ މިފަދަ ކަންކަން ހިނގާ ކަމަށް ޤަބޫލުކުރާނެ ޖާގަ އެއް ނެތް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގައި ކޮރަޕްޝަންގެ ކަންކަން ހިންގަނީ އެންމެން ގުޅި ލާމެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
" އަދި މިހާތަނަށް މި ފެންނަނީ ފަހަކަށް ނުދާނެ ފަސް އަހަރުގެ ދައުރެއް ނިމޭއިރު މިއަދު ފެންނަން ހުރި ލިޔެކިޔުންތަކާއި ދެންވެސް އެހެން ހެކިތައް ހިފައިގެން މި ބޭފުޅުން ފޮރުވައިގެން ދާކަށް. އެއީ ފެންނަން ހުރި ހަގީގަތް. އެއީ މާލެ ސިޓީގެ ކަންތައްތަކެއް ބަލާކަމަށް އަޑު އިވުނީމަ އާއި ޕްލޭނިންގ މިނިސްޓްރީގައި އެ ހިނގި ކަންތައްތަކަށް ބަލާފައި މިހެން މި ބުނަނީ." އަމީން ވިދާޅުވިއެވެ.
ސުޖާއު އާއި ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ބަލަމުން އަންނަ ކަމަށް އެސީސީއިން ބުނެފައިވާ އިރު މި މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނަނީ އެޕްރީލް މަހުން ފެށިގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު މިވާހަކަ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭސީސީއިން ވެސް މި މައްސަލަ ބަލާކަން ހާމަކުރީ ނޫސްތަކުގައި މި ވާހަކަ ޖެހިފަހުންނެވެ.
ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2022 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެގޮތުން ޝުޖާއުއާއި ގުޅުން އޮންނަ ކުއިކް ޝުއަރ އަށް 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެ ކުންފުންޏަށް ދީފައިވެއެވެ. އެފްއައިޔޫގެ ރިޕޯޓުގައިވާ ގޮތުން ތްރެޝްހޯލްޑް ޓްރާންސެކްޝަންސް ރިޕޯޓްސް (ޓީޓީއާރްއެސް) އިން ލިބެން ހުރި މަޢުލޫމާތުން ދައްކާ ގޮތުގައި، 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ 10,545,232.60 ރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.