Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 20:23
2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން، ބަޖެޓް ދިރާސާކުރާ ކޮމިޓީއިން އޮޑިޓަރ ޖެނެރަލްއާ ހުސެއިން ނިޔާޒީ (މ) އާ އެކު ބޭއްވި ބައްދަލުކުރުމުގެ ތެރެއިން
2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން، ބަޖެޓް ދިރާސާކުރާ ކޮމިޓީއިން އޮޑިޓަރ ޖެނެރަލްއާ ހުސެއިން ނިޔާޒީ (މ) އާ އެކު ބޭއްވި ބައްދަލުކުރުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ މާލިއްޔަތު
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ
ރައީސް މުއިއްޒު ކުރީ ސަރުކާރުތަކުން ފުނި ޖައްސާފައި ހުރި ބިލުތަކުގެ ވާހަކަ ދައްކަވަނިކޮށް، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައުލަތުން ދައްކަން ޖެހޭ ފައިސާ 2024 ވަނަ އަހަރު 2.8 ބިލިއަން ރުފިޔާ އިތުރުވެ 6 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައި. މިއީ ސަރުކާރުން ދައްކާ ވާހަކަތަކާއި އޮޑިޓު ރިޕޯޓުގެ ހަގީގަތާ ބޮޑުތަނުން ޚިލާފުވާކަން ހާމަވާ ކަމެއް.

ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ބޮޑު ތަނުން އިތުރުވީ 2024 ވަނަ އަހަރު ކަމަށް އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދައްކާ ހުރި ފައިސާގެ ވާހަކަ ރައީސް މުއިއްޒުގެ ސަރުކާރުން ދައްކާ ކޮންމެ ފަހަރަކު އެއީ ކުރީ ސަރުކާރުން ނުދައްކާ ހުރި ފައިސާ ކަމަށް އަންނަނީ ބުނަމުންނެވެ.

ސަރުކާރަށް 2 އަަހަރު ފުރިގެން އެކަން ފާހަގަ ކުރަން ބޭއްވި "ރައްޔިތުންނާ އެކު ކުރިއަށް، ހަފްތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓެއްގައި މުއިއްޒު ވަނީ "ކުރީ ސަރުކާރުތަކުން ނުދައްކާ، ފުނި ޖައްސާފައި ހުރި ބިލު،" ތަކުގެ ވާހަކަ ދައްކަވާފަ އެވެ.

މުއިއްޒު މިހެން ވިދާޅުވި އިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނޮވެމްބަރު 12، 2025 ގެ ތާރީޚުގައި ނެރެފައިވާ 2024 ވަނަ އަހަރުގެ ބަޖެޓް ޕޮޒިޝަން އޮޑިޓް ރިޕޯޓުގެ 22 ވަނަ ތާވަލުގައިވާ ގޮތުން، ދައުލަތުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ 2023 ވަނަ އަހަރު 3,195 މިލިއަން ރުފިޔާ ގައި ހުރި އިރު، 2024 ވަނަ އަހަރު ގާތްގަނޑަކަށް 6,000 މިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު ނިމުނު އިރު ދައުލަތުން ދައްކަން ހުރި ފައިސާ އާ އަޅާ ބަލާއިރު 2024 ވަނަ އަހަރު އެ އަދަދު ވަނީ 88 އިން ސައްތަ އަށް މައްޗަށް ގޮސްފަ އެވެ. އޮޑިޓަރ ޖެނެރަލް ސާފުކޮށް ވިދާޅުވެފައި ވަނީ "އެ އަހަރުގެ ތެރޭގައި އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައިވާ،" ކަމަށެވެ.

އަހަރު ނިމުނު އިރު ނުދައްކާ ހުރި ބިލުތައް އަރާ މިންވަރު:

  • 2019 - 2،110 މިލިއަން
  • 2020 - 1،219 މިލިއަން
  • 2021 - 1،934 މިލިއަން
  • 2022 - 1،306 މިލިއަން
  • 2023 - 3،195 މިލިއަން
  • 2024 - 6،000 މިލިއަން

އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ސާފުވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން 2020 ވަނަ އަހަރު ދައުލަތަށް ފައިސާ ބޭނުންވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އަދި އޭގެ ފަހުން އައި އަހަރުތަކުގައި ވެސް މި މިންވަރު ދިޔައީ މަތިވަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ މާލީ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ބަރޯސާވާން ޖެހުނު މިންވަރު އިތުރުވެ، 2020 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ދައުލަތުން ދައްކަން ޖެހޭ ބިލުތަކުގެ ދަރަނީގެ މިންވަރު އެވްރެޖްކޮށް އަހަރު ނިމޭ އިރު ހުންނަ މިންވަރަށް ވުރެ އެ މުއްދަތުގައި މައްޗަށް ގޮސްފައިވާކަން ރިޕޯޓުން ފާހަގަ ވެއެވެ.

މިކަން މިހެން އޮތް ނަމަވެސް، ދައުލަތުން އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު އެހާ ބޮޑުތަނުން ފުނިޖެހިފައި ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން ސަރުކާރުން ނުދައްކާ ހުރި ބިލުތަކުގެ ވާހަކަ ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަން ދައްކަމުން ދަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތައް ކަން ވަނީ ހާމަ ވެފައެވެ.

- ކޮމެންޓް