މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ މޯލްޑިވްސް ޕެންޝަން ފަންޑަށް ވައްދައި އެފައިސާ ފިނޭންސް މިނިސްޓްރީ އަށް ލިބޭ ގޮތް ހަދައިދިނުމަށް ޕެންޝަން ފަންޑުގެ ބޯޑަށް ސަރުކާރުން ޕްރެޝަރ ކޮށް ބިރު ދައްކަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކުމަށެވެ. އަދި އެއާއެކު އެ އަދަދަށް ވާ ވަަރަށް ޕެންޝަން ފަންޑުން ފިނޭންސް މިނިސްޓްރީން ވިއްކާ ޓީ-ބިލު ގަނެ އެ ފައިސާ ފިނޭންސް މިނިސްޓްރީ އަށް ލިބޭ ގޮތް ހެދުމަށެވެ.
ދައުލަތުގެ އާމްދަނީ ގެ ނިސްބަތުން އެމްއެމްއޭ އަށް އިތުރު ފައިސާ ސީދާ ފިނޭންސް މިނިސްޓްރީ އަށް ދެވެން ނެތުމާއެކު، ސަރުކާރުގެ ވިސްނުން މިހާރު ހުރީ ޕެންޝަން ފަންޑު މެދުވެރިކޮށް އެ ފައިސާ ހޯދުމަށެވެ.
އެ ގޮތުން، ޕެންޝަން ފަންޑަށް ޕްރެޝަރ ކޮށްގެން އެމްއެމްއޭ އަށް 2.5 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކުމަށް މަޖުބޫރު ކުރުވުމުން އެމްއެމްއޭ އިން އަލަށް އުފައްދާ ފައިސާ ސަރުކާރުގެ މާލީ ނިޒާމުގެ ތެރެއަށް ވެއްދޭނެ މަގު ތަނަވަސްވާނެއެވެ.
2.5 ބިލިއަން ރުފިޔާ އަށް ވާވަރުގެ ބޮންޑު އެމްއެމްއޭ އަށް ވިއްކުމަށާއިި އަދި އެ އަދަދަށް ވާވަރަށް ފިނޭންސުން ޓީ-ބިލު ގަތުމުގެ މުއާމަލާތާ މެދު ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ މިއީ ޕެންޝަން ފަންޑުން ކުރަން ޖެހޭ ކަމެއް ކަމަަށް ނޫން ކަމަށް ގަބޫލު ކުރެވުމާއި، އަދި މިކަން ކޮށްގެން ފަންޑަށް އޮތް މަންފާ އެއް ނެތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން އަދި މިކަންކޮށްފިނަމަ، މަނީ ސަލްޕައި އިތުރުވެ ދިވެހި ރުފިޔާގެ އަގުވެއްޓި، އޭގެ ނޭދެވޭ އަސަރު ޕެންޝަން ފަންޑު މެމްބަރުނަށް ކުރާނެއަތީ ކަމަށް ވެއެވެ.
މިކަން ހިނގަމުންދާ ގޮތް އެނގޭ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމާ ބެހޭ ގޮތުން މީގެ ކުރިން ޕެންޝަން ބޯޑުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މި މުއާމަލާތް ހިންގަން ވަނީ ފާސް ނުވެފައެވެ. އެ ބައްދަލުވުމުގައި ވަކި ގޮތަކަށް އެއްބަސް ނުވެވުމުގެ ސަބަބުން އިތުރު ބައްދަލުވުމެއް ބޭއްވުމަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތައް ބޯޑުން ފާސް ކުރުމަށް ސަރުކާރުން ގެންދަނީ ޕެންޝަން ފަންޑުގެ ބޯޑު މެމްބަރުން ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. އެ ގޮތުން ސަރުކާރުން އެދޭ ގޮތައް ފާސްކޮށް ނުދީފި ނަމަ ބޯޑުން މެމްބަރުން ވަކި ކުރާނެ ކަމުގެ ބިރު ވެސް އަންނަނީ ދައްކަމުންނެވެ.
ރައްޔިތުންގެ ޕެންޝަން ފައިސާ ރައްކައުތެރި ކަމާ އެކު ބަލަހައްޓާ އެ ފައިސާ އިން އެންމެ ފައިދާ ހުރި ކަންކަމަށް އިންވެސްޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ޕެންޝަން ފަންޑުގެ މުހިންމު ނިންމުންތައް ނިންމަނީ އެ ފަންޑުގެ ބޯޑުން ނެވެ.
ޚުދު ރައީސް މުއިއްޒު އެތައް ތަނެއްގައި މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ އިރު، އެ ވައުދާ ޚިލާފަށް ފައިސާ ޗާޕު ކުރަން ނިންމި އިރު، މިއީ ރަސްމާލެ މަޝްރޫއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވުމާއި، އަމިއްލަ ފަރާތްތަކުގެ ބިލުތަކަށް ފަސް ހަފްތާގެ ތެރޭގައި ސަރުކާރުން ފައިސާ ދައްކާ ޚަލާސް ކުރާނެ ކަމަށް ރައީސް މުއިއްޒު އަށް ވިދާޅުވެވިފައިވާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.
ސަރުކާރުން ރާވާފައިވަނީ އެމްއެމްއޭ އިން ޗާފް ކުރާ 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑުން ހޯދުމުން އެ ފައިސާ ބޭނުން ކޮށްގެން ފިނޭންސް މިނިސްޓްރީން ވިއްކާ ޓީ-ބިލު ގަތުމަށް ކަމަށް ވުމާއެކުން އެމްއެމްއޭ އިން ޗާފު ކުރި ފައިސާ ފިނޭންސް މިނިސްޓްރީގެ ތެރެއަށް ވެއްދުމަށް ފަހު ސަރުކާރަށް އެ ފައިސާ ބޭނުން ކަމަށް ބޭނުން ކުރެވޭ ގޮތް ވެގެންދާނެއެވެ.
ޕެންޝަން ފަންޑުގެ ބޯޑުގައި 8 މެމްބަރުން ތިއްބަވައެވެ.
ސަރުކާރުން ޕެންޝަން ފަންޑު މެދުވެރިކޮށް 2.5 ބިލިއަން ރުފިޔާ ސަރުކާރަށް ވެއްދުމަށް މަސައްކަތް ކުރަމުން ދާއިރު، އެމްއެމްއޭ އިން މީގެ ކުރިން ސަރުކާރަށް ފައިސާ ދިނުމަށް އެެޗްޑީސީ މެދުވެރިކޮށް ހިންގަން އުޅުނު ބިންގަތުމުގެ މުއާމަލާތް އާންމުންގެ ފާޑުކިޔުންތަކާއެކު ކުރިއަށް ނުގެންދެވުމުގެ ސަބަބުން ވަނީ ނާކާމިޔާބުވެފައެވެ.