އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ގައްޒާ ގެންގޮސް އެތަނުގައި ވަކި ދައުލަތެއް ހިންގަން އިޒްރޭލުން ނިންމި ނިންމުން ކުށްވެރިކުރައްވާ، އެކަން ހުއްޓުވަން އެޅެން އޮތް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ މުޅި ޣައްޒާ އެއްކޮށް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް ނަތަންޔާހޫ ބުނުމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިޒްރޭލްގެ ސެކިއުރިޓީ ކެބިނެޓުން ހުކުރު ދުވަހު ވަނީ ގާޒާ އެއްކޮށް ހިފައި، އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަން ނިންމާފަ އެވެ. ގާޒާގައި ތިބި އާންމު ރައްޔިތުން ގަދަބާރުން، ގާޒާގެ މެދުތެރޭ ސަރަހައްދުތަކުގެ ކޭމްޕުތަކަކަށް ބަދަލުކުރަން ވެސް ވަނީ ނިންމާފަ އެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ ޔަހޫދީން ފަލަސްތީނުގައި ހިންގާ ގަތުލުއާންމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި ހަމަތަކާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސް އެޅިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ޔަހޫދީން މިހާރު ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ހިތާމައެއް ލިބި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަޖެހުމަށް ހުރަސްއެޅޭ ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ މުސްލިމުންނާ އެކު ކަމަށެވެ. އަދި ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސް އެޅި، ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީންކުރާ އެއްވެސް ޢަމަލެއް ބަލައި ނުގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީން ހިންގައި އަމަލުތައް ހުއްޓުވައި، ހިންގާފައިވާ ޖަރީމާތަކަށް ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
Strongly condemn the Israeli occupation authorities’ plan to take control of Gaza. Any such actions blatantly violate international humanitarian law and gravely infringe on the Palestinian people’s right to self-determination.
— Dr Mohamed Muizzu (@MMuizzu) August 8, 2025
This decision not only deepens the suffering in the…
ރައީސްގެ އިތުރުން ޚާރިޖީ ވުޒާރާއިން ވެސް ވަނީ ފަލަސްތީނުގެ ގަތުލުއާންމު ފުޅާކުރުމަށް އަނިޔާވެރި ބޮޑުވަޒީރު ނިންމި ނިންމުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް ހާމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އެއީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމަށް ދެކޭ ކަމަށެވެ.
ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ވެސް ނުދާހާ ގޯސް ދަރަޖަކަށް ގޮސްފައިވާ ކަމަށް އދ. އިން ވެސް ބުނެފައިވެ އެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސްވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި އައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.