އެތައް ފަހަރަކު ޖަވާބުދާރީ ވުމަށް ވަޒީރުންނަށް ދަންނަވައިގެން ވެސް އަޅާ ނުލުމުން، ރައީސް މުއިއްޒުގެ ސަމާލު ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ 12 މަޖިލިސް މެމްބަރުން ސޮއި ކޮށް ޝަކުވާ ފޮނުވައިފި އެވެ.
އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 12 މެމްބަރުން ސޮއި ކޮށް ރައީސުލް ޖުމްހޫރިއްޔާ އަށް ފޮނުވި ސިޓީ ގައި ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، ވަޒީރުންނާމެދު ފިޔަވަޅު އެޅުމަކީ، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއް ކަމަށްވީ ހިނދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ އެ މަނިކުފާނުގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ބުނެފައިވެއެވެ.
"ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުންނަށް އަންގަވައި، ޤާނޫނުއަސާސީ އާއި ޤާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރެއްވުން އެދި ދަންނަވަމެވެ،" މެމްބަރުން ވިދާޅުވެފައިވެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށް، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަން ފާހަގަ ކުރައްވާފައިވެއެވެ.
ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގެ (ހ) ގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާ ކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ސީޓީ ގައި ވެއެވެ.
އަދި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކާ އެ މީހަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް، ދެންނެވުނު މާއްދާގެ (ނ) ބަޔާން ކޮށްފައި ވާ ކަމަށާއި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރި ކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރުއެޅުމާއި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ސިޓީ ގައި ވެއެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމުގެ ގޮތުން، ސަރުކާރުގެ ވުޒާރާތަކުން ކުރުމަށް ޤާނޫނު އަސާސީ އާއި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަމާއި، ރައްޔިތުންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ވުޒާރާ ތަކުން ކުރާ މަސައްކަތްތަކާއި، އަދި، މި ހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންކަން ތަންފީޒު ކުރަމުން ގެންދާ މިންވަރު ބެލުމަށް ޓަކައި، ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅައިފައިވާނެ ކަމަށް މެމްބަރުންގެ ކަންބޮޑުވުމުގައި ވެއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ 12 މެމްބަރުން ވިދާޅުވީ "އެހެންނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާ އިން ބަރީއަވެ މެމްބަރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުން،" ކަމަށް ވިދާޅުވެފައިވެއެވެ.